ފ. ފީއަލީގައި މި މަހު ކުރީ ކޮޅު ޑެންގީ ހުން ފެތުރި ބައެއް ކުދިން ސީރިއަސް ހާލަތަކަށް ދިއުމަށްފަހު ބަލި ކޮންޓްރޯލް ކުރެވިފައިވަނިކޮށް އަނެއްކާ ވެސް ހުން ފެތުރެން ފަށައި ބައެއް ކުދިންގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ފެތުރުނު ޑެންގީ ހުން އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލްވި ނަމަވެސް އަނެއްކާ ވެސް ފަސް ކުއްޖަކު ޑެންގީއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"ހާލު ސީރިއަސްވި ތިން އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ކުޑަ ފިރިހެން ކުއްޖަކު އިއްޔެ ވަނީ މާލެ ގެންގޮސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށާފައި. ދެވަނަ ކުއްޖެއްގެ ހާލު ސީރިއަސް ވަމުން އަންނާތީ އާސަންދައަށް ރިކުއެސްޓް ކޮށްފައިވާނީ،" ޖަމީލް ވިދާޅުވި އެވެ.

ހާލު ސީރިއަސްވި ދެވަނަ ކުއްޖާ މޭލެ ގެންދިއުމަށް އެމްއެންޑީއެފް އިން އެ ރަށަށް ދިޔުމަށް ފުރާފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ފީއަލީގައި ޑެންގީ ފެތުރެމުން އަންނައިރު އެކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ޖަލީލު ވިދާޅުވި އެވެ. އަދި ރައީސް އޮފީހުން ވެސް ރަށުގެ ހާލަތު ބަލަމުން އަންނަކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިން ފީއަލީގައި ޑެންގީ ފެތުރި ގިނަ ކުދިންތަކަކަށް އެބަލި ޖެހުމުން އެ ރަށު ސުކޫލް ވެސް ވަނީ ބަންދުކޮށްފަ އެވެ.