ދިއްލީ (ފެބްރުއަރީ 22): މިމަހުގެ 14އިގައި ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިއާ ސިފައިން މަރުވުމާ ގުޅިގެން، ކަޝްމީރުގެ ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލާތަކުން އެމީހުން ހިމާޔަތް ކުރަން އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ ސަރުކާރަށް އަމުރުކޮށްފި އެވެ.

އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކަޝްމީރުގައި އަމިއްލައަށް މަރުވެގެން ހަމަލާއެއް ދިނީ އެސަރަހައްދުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖައިޝު މުހައްމަދު ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ. އެހަމަލާގައި 40އަށް ވުރެ ގިނަ ސިފައިން މަރުވި އެވެ.

އޭގެ ސަބަބުން އިންޑިއާގެ ބައެއް މީހުން ވަނީ އެހަމަލާގެ ފަހަތުގައި ތިބީ ކަޝްމީރަށް ނިސްބަތްވާ މީހުން ކަމަށް ބުނެ އެމީހުންނަށް ހަމަލާދޭން ފަށާފަ އެވެ. އަދި އިންޑިއާގައި ދިރިއުޅޭ ކަޝްމީރުގެ ދަރިވަރުންނާއި ވިޔަފާރިވެރިން ވަނީ ފާއިތުވި ހަފްތާތެރޭ އެމީހުންނަށް ފުރައްސާރަކޮށް، އަނިޔާކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކަޝްމީރުގެ އެންމެ ގިނަ މީހުން ދިރިއުޅޭ އިންޑިއާގެ 10 ސްޓޭޓުގެ ސަރުކާރުންނާއި ފެޑެރަލް ސަރުކާރުންވެސް ކަޝްމީރުގެ ރައްޔިތުން ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އެމީހުންނަށް އަނިޔާކޮށްފި ނަމަ ނުވަތަ އިންޒާރު ދީފި ނަމަ ގުޅަން ޖެހޭ އޮފިޝަލުންގެ މައުލޫމާތު އާއްމު ކުރުމަށް އަންގާފަ އެވެ.

ކޯޓުން އެފަދައިން ނިންމީ އިންޑިއާގައި ދިރިއުޅޭ ކަޝްމީރުގެ ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ.