ބަލަމުންދާ މައްސަލައަކާ ގުޅިގެން އިމިގްރޭޝަންގެ އިސް ދެ ވެރިއަކު މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފިއެވެ.

ސަސްޕެންޑުކޮށްފައި ވަނީ އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދުއާއި އެސިސްޓެންޓް ކޮންޓްރޯލާ އަދި އިމިގްރޭޝަނުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އެވެ.

އެ ދެ ބޭފުޅުން ސަސްޕެންޑު ކުރިކަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެހެން ނަމަވެސް، އެ ދެ ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާ ހާމައެއް ނުކުރެއްވިއެވެ.

"އެއީ މިހާރު ބަލަަމުންދާ މައްސަލައަކާ ގުޅިގެން. ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައެއް ކަމަށް ވާތީ ޖަވާބެއް ދޭން ދަތިވާނެ،" އެ ދެ ބޭފުޅުން ސަސްޕެންޑުކުރީ ކޮން މައްސަލައަކާ ގުޅިގެންތޯ ސުވާލުކުރުމުން ހަނަފީ ވިދާޅުވިއެވެ.

އެ ދެ ބޭފުޅުން ސަސްޕެންޑުކޮށްފައިވާ އިރު އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އާންމުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެގޮތަށް އަޑުފެތުރިފައި ވަނިކޮށް، ރާއްޖެއަށް މަސައްކަތް ކުރަން ގެންނަ ބިދޭސީންނާ ގުޅޭ ކަންތައްތައް އިމިގްރޭޝަންގެ އަތުން ނަގައި އިކޮނޮމިކް މިނިސްޓްރީއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.