11 Oct 2011, 01:56
ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގައި ވައްކަން ކުރާ ވާހަކައަކީ ތެދެއް ކަމަށާއި ސަކާރުގެ މުއައްސަސާތަކުގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ކާނަލް ވިދާޅުވީ 2013 އިގެ ރިޔާސީ އިންތިހާބު ސަރުކާރު ހިންގާ އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ނައްތާލުން ކަމަށެވެ.
~
ސަރުކާރުގެ ތެރެއިން ކަރަޕްޝަން ފޮހެލުމަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވާލައްވަމުން ކާނަލް ވިދާޅުވީ ކޮންމެ މީހަކު ވައްކަމެއް ކުރިއަސް ވާނީ ވައްކަމަކަށް ކަމަށާއި ވަކި ބަޔަކު ވައްކަމެއް ކުރުމުން އެކަމަށް ފިޔަވަޅު އެޅުމަށް ރައީސް ފަސް ޖެހިވަޑައި ނުގަތުމަށެވެ.
"ކެންސަރު ޖެހިފަ ހުރި އިނގިއްޔެއް ބުރި ކުރަން ފަސް ޖެހެންޏާ މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރާނެ. އެންމެ ރަނގަޅު ގޮތަކީ ކޮރަޕްޝަންގެ އަމަލްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުން،" ކާނަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޮޑެތި ކުންފުނިތަކުގައި ވައްކަން ކުރާ ވާހަކައަކީ ތެދު ވާހަކެއް. ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ކޮރަޕްޝަން އެބަ ހިނގާ. އަޅުގަނޑުމެން އެކަން ގަބޫލު ވެސް ކުރަން. އެކަންކަން ރަނގަޅު ކުރުމަށްޓަކާ މަސައްކަތް ވެސް ކުރަން އެބަޖެހޭ. އިއްޒަތްތެރި ރައީސަށް ވެސް ގޮވާލަނީ ކޮރަޕްޝަންގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރެއިން ނެތިކޮށްލުމަށްޓަކާ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން އެއީ 2013 ވަނަ އަހަރު [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރުމަށްޓަކާ އަޅުއްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ފިޔަވަޅޭ،"
އޭނާ ވިދާޅުވީ ސަރުކާރުގެ ވައުދުގެ ތެރެއިން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ބޯހިޔާވަހިކަމުގެ ފުލެޓްތަކުގެ ފައިސާ އަމިއްލަ މީހެއްގެ މަސްލަހަތައް ބޭނުން ކުރާއިރު ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތުގެ މަރުހަލާ ކަޑައްތު ކުރާނެ ކަމަށެވެ.
ކާނަލް އެގޮތަށް ވާހަކަފުޅު ދެއްކެވި އިރު މީގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެ ސަން އަށް އިންޓަވިއުއެއް ދެއްވައިފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ