22 Feb 2019, 14:52
"ނަޒްމާއަކީ އޭނާގެ މަންމަގެ ހުރި ތިން ދަރިންގެ ތެރެއިން ހުރި ހަމައެކަނި އަންހެއް ކުއްޖާ. މުޅި އާއިލާގެ ވެސް ހިނިތުންވުން. އެހެން މީހުންގެ އިހްސާސްތައް ދަންނަ ކުއްޖެއް. އޭނާއަށް ކަށީގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނު ދުވަހަކީ މުޅި އާއިލާގެ ވެސް ހިނިތުންވުން ކަފުންކޮށްލި ދުވަހެއް،"
އައިމިނަތު ނަޒްމާ ޝައުކަތުގެ ވާހަކަ އޭނާގެ ފަހަރި ޝުބާ ފެށީ މިހެންނެވެ.
އުމުރުން 11 އަހަރުގެ، އުކުޅަހަށް އުފަން ނަޒްމާއަކީ މިއަދު ކަށީގެ ކެންސަރު (އެވިންގްސް ސަރކޮމާ) ތަހައްމަލުކުރަމުން އަންނަ ކުއްޖެކެވެ.
އޭނާގެ ބަލިހާތާ ގުޅޭ ގޮތުން "ސަން ކުލުނު" އާ ވާހަކަ ދައްކަމުން ޝުބާ ބުނީ އެންމެ ފުރަތަމަ ނަޒްމާގެ އަތުގައި ރިއްސަން ފެށިކަމަށެވެ.
އެންމެ ފުރަތަމަ ރަށުގެ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި ދެއްކުމުން އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބުންޏެވެ. އަދި އިތުރަށް ގޯސްވާތީ މާލެ އައިސް ދެއްކި ކަމަށާއި ލިބުނީ ރަށުގެ ސިއްހީ މަރުކަޒުން ދިން ޖަވާނު ކަމަށް ވެސް ޝުބާ ބުންޏެވެ.
"ބޭސް ދިން. ދިނީމަ ވަގުތީ ގޮތުން ރަނގަޅުވޭ. އެކަމަކު އަތް ހުންނީ ދުޅަވެފައި. އިތުރަށް ގޯސްވާތީ އޭޑީކޭ ހޮސްޕިޓަލަށް ދައްކައި ޓެސްޓު ހެދިން. ދެން ރިޕޯޓްތައް ދެއްކުމުން ޑަކްޓަރު ބުނީ ކަނައަތު ކަށީގައި ހުރި ޓިއުމަރެއް ކެންސަރަށް ބަދަލުވެފައި ހުރި ކަމަށް،"
ކަނައަތުގެ ކަށީގެ މަދަށް ކެންސަރު ޖެހިފައި ހުރިކަމަށާއި އެއީ ވަރަށް މަދުން ނޫނީ ނުޖެހޭ ކެންސަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަތަށް އެކަނި ކެންސަރުޖެހިފައި ހުރިނަމަ ރަނގަޅު ކުރެވިދާނެ ވަރަށް ބޮޑު ޔަގީންކަމެއް ދިން. މިހާރު ނަޒްމާ ވީ އިންޑިއާގައި. އާސަންދައިގެ އެހީ އާއެކު. އިތުރު ޓެސްޓްތަކެއް ހެދުމަށް. ހަށިގަނޑުގެ އެހެންތަނަކަށް ޓިއުމަރު ފެތުރިފައިވޭތޯ ބެލުމަށް،"
ޝުބާ ބުނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ކުރަންވާ އޮޕަރޭޝަން އެނގިގެންދާނެ ކަމަށެވެ. "މިވަގުތު ނަޒްމާއަށް ބޭނުންވާ ފަރުވާދަނީ ދެމުން،"
ނަޒްމާގެ އާއިލާއިން އެދެނީ ނަޒްމާއަށް މާލީ ގޮތުން ކުޑަ ނަމަވެސް އެހީއެއް ދިނުމަށެވެ. އަދި މާލީ އެހީތެރިކަން ނުދެވޭ ފަރާތްތަކުން ނަޒްމާއަށް ހެޔޮ ދުއާކޮށްދިނުމަށް އާއިލާއިން އެދެއެވެ.
އައިމިނަތު ނަޒްމާ ޝައުކަތަށް އެހީވުމަށް
ފޯނު ނަމްބަރު: 7327496 (މަރިޔަމް ރިހުޝާނާ/ނަޒްމާގެ މަންމަ)/ވައިބާ އިން ގުޅުމަށް
ބީއެމްއެލް އެކައުންޓް ނަންބަރު: 7730000051708 (ނަޒްމާގެ މަންމަ މަރިޔަމް ރިހުޝާނާ އާ ގުޅިފައިވާރުފިޔާ އެކައުންޓްނަންބަރު)
ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.