22 Feb 2019, 11:24
ހުޅުމާލޭ ބީޗް ގެސްޓްހައުސްގައި މަސައްކަތް ކުރަމުން ދިޔަ ރިސެޕްޝަނިސްޓަކަށް މިއަދު ފަތިހު ތޫނު އެއްޗަކުން ހަމަލާ ދީފި އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ހިނގި އެ ހާދިސާގައި ހަމަލާ ދީފައި ވަނީ 18 އަހަރުގެ މީހަކަށެވެ. އޭނާއަށް ހަމަލާ ދީފައި ވަނީ ގެސްޓްހައުސްއަށް އައި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ފަތިހު 4:48 އެހާކަންހާއިރު ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ އެ ހާދިސާގައި ފަރުވާ ދިނުމަށް ގެނައި މީހާގެ ދެ އަތުގެ އުޅަނބޮށި ކައިރީގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.