11 Oct 2011, 00:39
އަދާލަތު ޕާޓީގައި ހުންނެވުމަށްފަހު ވަޒީރު ކަމުން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އިސްތިއުފާ ދެއްވުމަށްފަހު އަލުން އިސްލާމިކް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އެމްޑީޕީއަށް ގުޅިވަޑައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ ޑރ. މަޖީދަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްވަކާފަ އެވެ. ވިދާޅުވީ ޑރ. މަޖީދު އިސްތިއުފާ ދެއްވީ އަދާލަތުގައި ހުންނެވި އިރު، ކަމަށާއި އަދި އަލުން ވަޒީރު ކަމަށް ވަޑައިގެންނެވީ އެމްޑީޕީއާ ގުޅިވަޑައިގެން ކަމަށެވެ.
"އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ [ވަޑައިގަތީ] އެމްޑީޕީއާ ގުޅިވަޑައިގެން، އަޅުގަނޑު ދެކެނީ އެހެން ކަމަށް. ދެން އަޅުގަނޑު ވިސްނާނީ އެހެން... ދެން އެބޭފުޅާއާ [ޑރ. މަޖީދު] ރައީސް ނަޝީދާ ދެއްކެވި ވާހަކައެއްގައި މައްސަލައެއް ނެތް. އަޅުގަނޑު ގަބޫލު ކުރާ ގޮތް މިދަންނަވަނީ. ދެން ޝަރީއަތަށް ދިޔައީމަ ހެކި ސާބިތުކޮށްދޭން ޖެހޭނީ،" ޑީއާރްޕީގައި ހުންނެވުމަށް ފަހު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، އުޅުއްވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޖާބިރު ވިދާޅުވި އެވެ.
~
އެ ޕާޓީގެ ފަންޑް ރައިޒިން ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ ރިސޯޓް އޯނަރު ވިދާޅުވީ ޑރ. މަޖީދަކީ "ވަރަށް ފައްކާ ބޭފުޅެއް" ކަމަށާއި ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޖާބިރު އެހެން ވިދާޅުވި ނަމަވެސް ތިން ވަނަ ފަހަރަށް ވަޒީރު ކަމުގެ ހުވައި ކުރެއްވުމަށް ފަހު ޑރ. މަޖީދު ވިދާޅުވެފައި ވަނީ ވަޒީރުކަން އަލުން ގަބޫލު ކުރެއްވެވީ އަދާލަތުގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އެކަމަށް ރައީސް މަރުހަބާ ދެންނެވި ކަމަށެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިނަމަވެސް ޕާޓީގެ ތެރެއިން އެކަންކަން ރައްޔިތުންނަށް ބުނެނުދެވޭ ކަމަށެވެ. އެއީ އެމްޑީޕީގެ "ޕަބްލިކް ރިލޭޝަން"ގެ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.