އެފްރިކާގެ އެންމެ ބޮޑު ކުޅި ކަމަށްވާ ލޭކް ވިކްޓޯރިއާގައި އޮންނަ މިގިންގޯ އައިލެންޑަކީ އެންމެ 2،000 އަކަމީޓަރުގެ ކުޑަކުޑަ ރަށެކެވެ. ނަމަވެސް ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ އެރަށާ ބެހޭ ގޮތުން ކެންޔާއާއި ޔުގަންޑާއާ ދެމެދު ވަނީ ބޮޑު ދެބަސްވުމެއް އުފެދިފައެވެ.

ލޭކް ވިކްޓޯރިއާއަކީ ޔުގަންޑާ، ކެންޔާ އަދި ޓެންޒޭނިއާގެ އެތައް މިލިއަން މީހުން މަސްވެރިކަން ކުރުމަށް ބޭނުން ކުރާ ކުޅިއެކެވެ. އޭގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ލޭކް ވިކްޓޯރިއާ މަސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް މިގިންގޯ ވަށައިގެންވާ ސަރަހައްދަކީ ޔޫރަޕާއި އޭޝިއާގެ ގައުމުތަކަށް އަގުބޮޑުކޮށް ވިކޭ ނައިލް ޕާޗްގެ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެކެވެ. ކެންޔާގެ މަސްވެރިއެއް ކަމަށްވާ ކެނެޑީ އޮޗިއެންގްއާ ހަވާލާދީ އަލްޖަޒީރާގައިވާ ގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެމަހުގެ އަގު ވަނީ 50 ޕަސެންޓަށް އިތުރުވެފައެވެ. އަދި ބައެއް ފަހަރު އެމަހުގެ ކިލޯއެއް ބައިނަލްއަގުވާމީ ބާޒާރުގައި 300 ޑޮލަރަށް ވިކެއެވެ.

އޭގެ ސަބަބުން ކެންޔާ އާއި ޔުގަންޑާގެ ބޯޑަރު ކައިރީ އޮންނަ މިގިންގޯގެ މިލްކުވެރިކަމާ ބެހޭ ގޮތުން އެ ދެގައުމުގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ.

މިގިންގޯގައި ރެސްޓޯރެންޓުތަކާއި ކުދި އަނިޔާތަކަށް ފަރުވާދޭ ކުލިނިކެއް ހުރޭ -- ފޮޓޯ: އަލްޖަޒީރާ

ކެންޔާއިން ބުނާ ގޮތުގައި މިގިންގޯގައި އެންމެ ފުރަތަަމަ ދިރިއުޅެން ފެށީ އެގައުމުގެ ދެ މަސްވެރިންނެވެ. ނަމަވެސް ޔުގަންޑާއިން ބުނާ ގޮތުގައި އެރަށުގައި ފުރަތަމަ ވަޒަންވެރިވީ އެގައުމުގެ މަސްވެރިއެކެވެ. އަދި މިހާރު މިގިންގޯގައި ދިރިއުޅޭ މީހުންގެ ތެރޭގައި ގިނައީ ކެންޔާގެ މީހުން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ކެންޔާއިން މިގިންގޯއަށް ބޯޓަކުން ދާން ނަގަނީ ދެ ގަޑި އިރެވެ. ނަމަވެސް ޔުގަންޑާއިން މިގިންގޯއަށް ދާން 18 ގަޑި އިރު ނަގަ އެވެ. އަދި އެފްރިކާގެ ގިނަ ޗާޓުތަކުން ދައްކާ ގޮތުގައި މިގިންގޯ އޮންނަނީ ދެ ގައުމުގެ ބޯޑަރުގައި، ކެންޔާގެ ފަޅީގަ އެވެ. ނަމަވެސް ޔުގަންޑާއިން ބުނާ ގޮތުގައި މިގިންގޯ ވަށައިގެންވާ ސަރަހައްދުގެ ބޮޑު ބައެއް ނިސްބަތްވަނީ އެގައުމަށެވެ.

އަދި 2004 ވަނަ އަހަރު، މިގިންގޯގައި ދިރިއުޅޭ ޔުގަންޑާ މަސްވެރިންގެ އެދުމުގެ މަތިން އެގައުމުން އެރަށަށް ސިފައިން ފޮނުވި އެވެ. އެއީ އެސަރަހައްދު ކަނޑު ފޭރޭ މީހުންގެ ފަރާތުން ރައްކާތެރި ކުރުމަށެވެ. އަދި އެދުވަސްވަރު ޔުގަންޑާއިން އެސަރަހައްދުގައި މަސްވެރިކަން ކުރާ މީހުންގެ އަތުން ޓެކްސް ނަގަން ފެށި އެވެ. އޭގެ ސަބަބުން ކެންޔާގެ ބައެއް މަސްވެރިން ނުރުހުން ފާޅުކޮށް، ސަރުކާރަށް ޝަކުވާ ކުރިއެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް ކެންޔާއިންވެސް ސިފައިން ފޮނުވުމުން ދެގައުމުގެ މެދުގައި ހަނގުރާމައެއް ނުފެށުނީ ކިރިޔާއެވެ.

މިގިންގޯގެ ބަނދަރު ކައިރީ ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އަލްޖަޒީރާ

އެއަށްފަހު ކެންޔާއާއި ޔުގަންޑާއިން ނިންމީ މިގިންގޯގެ މިލްކުވެރިކަމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ޖޮއިންޓު ކޮމިޝަނެއް އެކުލަވާލާށެވެ. ނަމަވެސް އެކޮމިޝަނުން އެދެވޭ ނަތީޖާއެއް ލިބިފައި ނުވެއެވެ. އަދި މިހާރު މިގިންގޯގެ އަމަން ބަލަހައްޓަމުން ދަނީ ދެ ގައުމުގެ ފުލުހުން ކަމުން ބައެއް ފަހަރު އެސަރަހައްދުގައި މައްސަލަތައް އުފެދެއެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ވަނީ އެއީ އެފްރިކާގެ "އެންމެ ކުޑަ ހަނގުރާމަ"އިގެ ގޮތުގައި ސިފަކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރު ކެންޔާގެ ބައެއް އިސް އޮފިޝަލުން ވަނީ މިގިންގޯގެ މިލްކުވެރިކަމާ ބެހޭ ގޮތުން ވަކި ގޮތެއް ނިންމުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅުމަށް ގޮވާލާފައެވެ. ނަމަވެސް ކެންޔާ ސަރުކާރުން އަދި އެފަދައިން އަމަލުކޮށްފައި ނުވެއެވެ.

މިގިންގޯގެ 2،000 އަކަ މީޓަރުގެ ބިމުގައި ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ -- ފޮޓޯ: އޭއެފްޕީ

މިގިންގޯގެ މިލްކިއްޔާތާ ބެހޭ ގޮތުން ކެންޔާއާއި ޔުގަންޑާއާ ދެމެދުގައި ދެބަަސްވުންތައް އުފެދުނު ނަމަވެސް، އެރަށުގައި ދެ ގައުމުގެ ގިނަ ރައްޔިތުން ދިރިއުޅެނީ ސުލްހަވެރިކަމާ އެކުގައެވެ.

"އަހަންނަކަށް ނޭނގެ މީކޮންބަޔެއްގެ ރަށެއް ކަމެއް. އެއީ ހުސް ސިޔާސީ މައްސަލަތައް. އަހަރެމެން ބޭނުންވަނީ ހަމައެކަނި މަސް ވިއްކަން،" ކެންޔާގެ މަސްވެރިޔެއް ކަމަށްވާ އެމަނުއެލް އަރިންގޯ ބުންޏެވެ.