21 Feb 2019, 23:20
އެންމެ އަމިއްލަ އެދުން ބޮޑު ސިޔާސީ ލީޑަރަކީ ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ކުރައްވާ ލީޑަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެހެން ވިދާޅުވި އިރު، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަަދަލު ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވާހަކަ ދެކެވެ އެވެ. ރާއްޖެއަށް އެންމެ ފައިދާ ހުރި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ރާއްޖެ ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމުގެ ކެމްޕެއިން ފެއްޓުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ އެމްޑީޕީން ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.
"ވަރަށް ބާރަށް، 86 ދާއިރާއަށް ނޫނީ 87 ދާއިރާއަށް ކުރިމަތިލައިގެން ވާހަކަ ދައްކަމުންދާ ބަޔަކު އެބަ ބުނަމުންދޭ ބަރުލަމާނީ ނިޒާމޭ ރަނގަޅު ވާނީ. ޖުމްހޫރީ ނިޒާމެއް ކަމަކު ނުދާނޭ. ޖުމްހޫރީ ނިޒާމު ރަނގަޅު ނުވާނެ ކަމަށް ބުނަމުން މިދަނީ ކޮންބައެއްގެ އަމިއްލަ އެދުން ބޮޑުކަމުންތޯ އަމިއްލައަށް ވިސްނާލަން އެބަ ޖެހޭ. ބަރުލަމާނީ ނިޒާމެއް އައުމުން ހުރިހާ އެއްޗެއްވެސް ތިމާމެންގެ މުށު ތެރެއަށް އަންނާތީ އެކަން ކުރުމުގެ ބޭނުމުގައިތޯ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މިކަން މި އޮތޯ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެންނަން ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ނަމަ ގިނަ ރައްޔިތުން ވޯޓު ދޭނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ކަމަށެވެ.
އޭގެ އިތުރުން، އެންމެ އަމިއްލަ އެދުން ބޮޑު ސިޔާސީ ލީޑަރަކީ ކޮބައިތޯ ބެލުމަށް ހިޔާލު ހޯދުމުގެ ޕޯލަކަށް ރައްޔިތުންގެ މެދުގައި ހުޅުވާލައިފި ނަމަ، އެ ޕޯލުން މޮޅުވާނީ ބަރުލަމާނީ ނިޒާމު ގެންނަ އުޅޭ ލީޑަރުކަން އެނގޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ޕޯލެއް ނަގަންވީހޯ ކޮންމެވެސް ބަޔަކު ބުނޭ. އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކޮބައިތޯ ބަލަން. އަޅުގަނޑުމެންނަށް އެނގޭ ދެއްތޯ އެ ލީޑަރަކީ ކާކުކަން. ވަރަށް ސާފުކޮށް އެބަ އެނގޭ އަމިއްލަ އެދުން ބޮޑުވެން އުޅޭ ލީޑަރުންނަށް ވާނީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރުން ނޫންތޯ؟،" ގާސިމް ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަޑުފެތުރިފައިވާ އިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން އެމަނިކުފާނު ވަނީ ނިންމަވައިފަ އެވެ. ރައީސް ނަޝީދު ވާދަ ކުރައްވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ.
މީގެ ކުރިން ވެސް ޖުމްހޫރީ ޕާޓީގެ އެކި ޖަލްސާތަކުގައި ގާސިމް ވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީއަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެފަ އެވެ.