ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ހުރި ބޭފުޅަކު ޖަލަށް ލުމުން އުފާވެވަޑައިނުގަންގަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް އެހެން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމުގެ ކެމްޕެއިން ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ހަމަ ގައިމުވެސް އަޅުގަނޑު އުފަލެއް ނުވޭ، ރައީސްކަން ކުރައްވާފައި ހުރި ބޭފުޅަކު ގޮސް ޖަލުގައި ހައްޔަރު ކުރުމުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ ޝަރިއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

"ބައްލަވާލައްވާ އަޅުގަނޑުމެންގެ ސަގާފަތަށް. އަޅުގަނޑުމެންގެ ސަގާފަތުން މި ފެންނަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައވާ ބޭފުޅެއް ވިއްޔާ މި ލެވެނީ ޖަލަށް. ކޮންމެވެސް ސަބަބެއް، އެ ސަބަބު މި ސަބަބު ހަދައިގެން ކަމުގައިވީ ނަމަވެސް،"

ދެހާސް އަށް ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރައީސްކަން ކުރައްވައިފައި ތިއްބެވި ކިތައް ބޭފުޅުން ޖަލަށް ލާފައިވާތޯ ސުވާލު އުފައްދަވައި ގާސިމް ވަނީ އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނެ ބޭފުޅަކު ނުވާ ހިސާބަށް ވެސް ހިނގައިދާނެ ކަމާ މެދު އަޅުގަނޑުމެން ވިސްނާލަން ޖެހޭ،"

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވަ އުފުލާފައި ވަނީ، އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ ދައުވާގެ އިތުރުން ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ކުރި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވެ އޭނާ ޖަލަށް ލުމަށްވެސް ހުކުމް ކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ޖަރުމަނުވިލާތަށް ވަޑައިގެންފަ އެވެ. ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިވުމަށް ފަހު ހައިކޯޓުން ވަނީ ގާސިމްގެ ހުކުމް ބާތިލުކޮށްފަ އެވެ. ގާސިމް އެނބުރި ރާއްޖެ ވަޑައިގަތީވެސް ރިޔާސީ އިންތިހާބަށް ފަހު އެވެ.