މީގެ އެގާރަވަރަކަށް އަހަރުކުރީން އަޅުގަނޑާއި އޭނާއާއި ބައްދަލުވީ ސްކޫލްތެރެއިންނެވެ. އަޅުގަނޑަށްވުރެ ދެތިން އަހަރެއް އުމުރުން ދޮށިއިރު، އޭރު އޭނާއަކީ އަދަބީކަންކަމުގައި ސްކޫލުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރެވެ. އޭނާގެ ދޫ ފަރިތަކަމާއި ދިވެހި ބަހަށް ހުންނަ ލޯތްބާއި ޝައުގުވެރިކަމަކީ އޭނާއާއި އަޅުގަނޑާއި ދެމެދު އުފެދުނު ރަހުމަތްތެރިކަމުގެ އަސްލެވެ.

ނަމަވެސް މިއަދު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެއެވެ. އަދިވެސް އެ އުފާވެރިކަމާއި، ޕެޝަން އޭނާގެ މޫނުމަތިން ފެނުނަސް، އޭގެ ފަހަތުގައިވާ ހިތްދަތިކަމާއި ވޭން ކިތަންމެ ފޮރުވިޔަސް ފާޅުވެއެވެ.

މިއީ އުމުރުން އެންމެ 23 އަހަރުގެ ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ. ހަތަރު ކުދިންގެ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަންބެކެވެ. އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ފިރިހެން ކުއްޖެއްގެ މަންމައެވެ. ޑޮކްޓަރަކަށް ވުމުގެ އުންމީދުގައި ބެޗްލާސް އިން ޕްރައިމަރީ ހެލްތުގެ ފަހު ސެމިސްޓާގައި ކިޔަވަމުންދާ ދަރިވަރެކެވެ. ކުރުކޮށް ބުނަނީނަމަ މީހަކަށް ހަޔާތުގައި އަންނާނޭ އެންމެ އުފާވެރި ދުވަސްތަކެވެ.

އަލަތު ކައިވެންޏާއި ލޯބިވާ ދަރިފުޅާއި އެކީ އޭނާކުރަމުންއައި ފޮނި އުންމީދުތަށް ފުނޑުފުޑުވެގެންދިޔައީ އޭނާއަކީ "ލޫޕަސް" ބަލީގެ ޕޭޝަންޓެއްކަން ޑޮކްޓަރުން ޔަގީންކޮށްދިނުމުންނެވެ.

"އެންމެ ކުޑައިރުއްސުރެވެސް ވަރަށް ގިނައިން ބަލިވޭ، މާ ބޮޑަށް ވަރުބަލިވެ، ފަސޭހައިން ގައިގެ އެކިތަންތަން ފާރުވެ، ހުޅުތައް ދުޅަވެ، ނޭވާ ލާން އުނދަގޫވެ ކަންކަންކުރިމަތިވޭ. އެކަމަކު މިއީ މިކަހަލަ ބޮޑުކަމެއް ކަމަށް ހިޔެއް ނުކުރަން،" ނަން ހާމަ ނުކުރަން ނިންމާ އޭނާ ކިޔައިދިނެވެ.

ލޫޕަސް ބަލީގެ ވާހަކަ ގިނަ ދިވެހިންނެކޭ އެއްފަދައިން އަޅުގަނޑުވެސް އެހީ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއަށް އެ ބަލި ޖެހުނުކަން ހާމަކުރުމުންނެވެ. ޕޮޕް ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ސެލީނާއަށް މި ބަލި ޖެހި އޭނާވަނީ ކިޑްނީ ޓްރާންސްޕްލާންޓެއްވެސް ހަދާފައެވެ.

ލޫޕަސް ބައްޔަކީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. އެމެރިކާގެ ލޫޕަސް ފައުންޑޭޝަންއިން ހާމަކޮށްފައިވާގޮތުގައި ލޫޕަސްގެ ސަބަބަބުން ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށްވެސް އަސަރުކޮށްފާނެއެވެ. އަދި ބަލިޖެހުމުގެ ސަބަބުން ދިފާއީ ނިޒާމުން ހަށިގަނޑުގެ ރަނގަޅު ޓިޝޫތައް ހަލާކުކޮށްލައެވެ.

މިއީ ގައިންގަޔަށް އަރާބައްޔެއް ނޫނެވެ. ނަމަވެސް މި ބަލި ގިނައިން ޖެހޭކަމަށް ފާހަގަވަނީ ފިރހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށެވެ. އަދި އާންމުކޮށް ބަލި ޑައިގްނޯޒް ކުރެވެނީ އުމުރުން 15 އަހަރާއި 44 އަހަރާއި ދެމެދުގައެވެ.

ފެންނަ ފެނުމަށް އަޅުގަނޑުގެ މި ރަހްމަރްތެރިޔާވެސް ވަރަށް ފިޓެވެ. ނުފެންނަތާ ގިނަ ދުވަސްވުމުން އަޅުގަނޑު ހީކުރީ ދަރިއެއް ލިބުމުން ހަށިގަނޑަށް ބަދަލުތަކެއް އައީކަމަށެވެ. އެހެންނަމަވެސް ލޫޕަސްއަށް ޑައިގްނޯޒް ކުރެވުނުތާ އަހަރެއް ވާން ކައިރިވެފައި ވާއިރު، އޭނާގެ ދިރިއުޅުންވަނީ މުޅީންހެން ބަދަލުވެފައެވެ.

އޭނާ ކިޔައިދިންގޮތުގައި އެންމެ ފުރަތަމަ ޑޮކްޓަރުން ސަސްޕެކްޓްކުރީ އެއީ އާތުރައިޓިސް ކަމަށެވެ. އެއާއިއެކު އޭނާ ދިވެހި ބޭސްވެސް ކުރިއެވެ. ނަމަވެސް ފަހުން އިންޑިއާއަށް ގޮސް ހެދި ޓެސްޓްތަކުން އެއީ އާތުރައިޓިސް ނޫންކަން ޔަގީންވިއެވެ.

"މީގެ ކުރިން އެކި ކަންކަން ވީމަ އެކިއެކި ޑޮކްޓަރުންނަށް ދައްކަމުން އައި. ހުޅުދުޅަވީމަ ކަށީގެ ޑޮކްޓަރަކަށް، ނޭވާލާން އުނދަގޫވީމަ އިންޓާނަލް ޑޮކްޓަރަކަށް. އެކަމު މިދިޔަ މާޗްމަހު ފައި މާބޮޑަށް އައްސިވެގެން ނުވެސް ހިނގޭވަރުވީމަ ދެއްކި ދިވެހި ޑޮކްޓަރެއް އެންމެ ފުރަތަމަ ސަސްޕެކްޓް ކުރީ މިއީ ލޫޕަސްއަށް ވެދާނެ ކަމަށް. ދެން އޭއެންއޭ ޓެސްޓް ޕޮސިޓިވް ވެގެން އިންޑިއާ އަށްގޮސް ލޫޕަސްގެ އަސްލު ޓެސްޓްތައް ހެދީމަ ޔަގީންވީ." އޭނާ ކިޔައިދިނެވެ.

ކުޑައިރުއްސުރެވެސް އޭނާއަށް ސިއްހީގޮތުން ދިމާވަމުންއައި މައްސަލަތަކަކީ ލޫޕަސްގެ ސިމްޕްޓޮމްސްއެވެ. އޭރުވެސް އަދި މިހާރުވެސް ކުއްލިއަކަށް ހަށިގަނޑުގެ އެކި ހިސާބުތައް އައްސިވުމާއި، ދުޅަވުމާއި، ފާރުވުމާއި، ގައިގެ އެކި ތަންތަނަށް ތަދުވުމާއި މާ ބޮޑަށް ވަރުބަލިވުމަކީ ބަލީގެ އަސަރުތަކެވެ.

ބޮޑަށް ބަލިވެގެން ކަންކަން ނުކުރެވެން ފެށީ ކޮލެޖަށް ދާން ފެށި ހިސާބުން. ހެނދުނު ހޭލާފަވެސް 20 ވަރަކަށް މިނިޓު ހަމަ ނުތެދުވިގެން އޮންނަން ޖެހޭ. ބަނޑުބޮޑުވެގެންވެސް ވަރަށް ބޮޑެތި ކޮމްޕްލިކޭޝަންސް އައި. އެންމެ ފަހުން ކޮލެޖްއިން އެއް އަހަރުގެ ބްރޭކެއް ނެގީ" އޭނާ ކިޔައިދިނެވެ.

ލޫޕަސް ބައްޔަށް ދޭނޭ ވަކި ހާއްސަ ފަރުވާއެއް ނެތްއިރު، މި ބަލީގެ ޕޭޝަންޓުންނަށް ފަރުވާ ކުރެވެނީ ބަލީގެ ސަބަބުން ދިމާވާ އެކި މައްސަލަތައް ލުއި ކުރުމަށެވެ. ސްޓެރޮއިޑްސްއާއި ކީމޯތެރަޕީއާއި އަދިވެސް އިތުރު ފަރުވާތައް ދެވެމުން އަންނައިރު، އޭގެ ނަތީޖާއެއްގެ ގޮތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންވެސް ބޮޑެތި އަސަރުތަކެއް ކުރިމަތި ކުރުވައެވެ.

ޒުވާން އުމުރުގައި، ތުއްތު ދަރިފުޅާއި އެކު އޭނާ ހޭދާކުރާ ކޮންމެ ވަގުތުކޮޅަކީވެސް އެހާމެ ފުން އަސަރުތަކެއް އޭނާއަށް ކުރެވޭ ދުވަހެކެވެ. އެ ތުއްތު ދަރިފުޅާއި ދޭތެރޭ ވިސްނޭތީއެވެ.

"އެއްވެސް ވަރަކަށް ސޯޝަލްއެއް ނުވެވޭ އެއްވެސް ވަރަކަށް. ދަރިފުޅު ގޮވައިގެންވެސް ބޭރަށް ގޮސް، ނޫނީ ރައްޓެހިންނާއި އެކީގަވެސް ބޭރަށް ގޮސް ނޫޅެވޭ. އެއްވެސް ޔަގީންކަމެއް ނޯވޭ، ކޮންއިރަކު ކަމެއް ނޭގެ ކޮންތާކު ކަމެއް ރިއްސާނީ" އޭނާ ކިޔައިދިނެވެ.

އޭނާގެ ނަސީބަކީ އޭރު ދިމާވި ޑޮކްޓަރުގެ ކުޅަދާނަކަމާއި ހުޝިޔާރުކަމެވެ. ވީ އެންމެ އަަވަހަށް އެދެވޭ ފަރުވާއެއް ކުރެވި، ހަށިގަނޑުގެ ގުނަވަންތަކަށް ލޫޕަސްގެ ސަބަބުން ކުރަމުން ދިޔަ އަސަރު ކުޑަކުރެވުނުކަމެވެ.

އެހެންނަމަވެސް، ހިތާމައަކީ މި ބައްޔަކީ ކިހާވަރެއްގެ އަދި ކޮން ބައްޔެއްކަން ގިނަ ބަޔަކަށް ނޭގުމެވެ. ފެންނަ ފެނުމަށް އަދި ކިތަންމެ ހަށިހެޔޮ ދުޅަހެޔޮކޮށް ފެނުނަސް، ހަށިގަނޑުގައި އަޅާވޭނަކީ މީހަކަށް ފެންނާނެ އެއްޗެއް ނޫންތާއެވެ. މިހާރުވެސް އޭނާދަނީ ގަވާއިދުން ބޭސްކުރަމުންނެވެ. އަދި ލޫޕަސްގެ ސަބަބުން އެންމެ އަވަހަށް އަސަރުކުރާ އެއް ގުނަވަނަކީ ކިޑްނީ ކަމަށްވާއިރު ކޮންމެ ތިން މަހަކުން ސްކްރީން ކުރެވި ކޮންމެ ވަގުތެއްގައިވެސް ބައޮޕްސީއަކަށް ދާންޖެހިދާނެކަމަށް ހުންނަންޖެހެނީ ތައްޔާރަށެވެ.

ކެންސަރު ފަދަ ބަލިތަކަކީ ސްޓޭޖްތައް ވަކިކުރެވިފައިވާ ބައްޔަކަށްވީނަމަވެސް ލޫޕަސްއަކީ އެއާއި ޚިލާފަށް ކުއްލިއަކަށް ސީރިއަސްވެ ބޮޑެތި އަސަރުކޮށް ނުވަތަ ކުއްލި ބަދަލުތަކެއް ކުރުވާ ކަމެކެވެ.

ތުއްތު ދަރިފުޅުގެވެސް ސިއްހީ މައްސަލަތަކެއް ހުރިއިރު، އެ ދެމައިންގެ ކަންކަން އެއްވެސް ޝަކުވާއަކާއި ނުލާ ފިރިމީހާގެ ފަރާތުން ފުރިހަމަކޮށްދެމުންދާއިރު، ލޫޕަސްގެ ޝިކާރައަކަށް އޭނާ ވުމީ މުޅި އާއިލާއަށްްވެސް ހިތްދަތިކަން ގެނުވިކަމެކެވެ. މައިންބަފައިންގެ އެހެން ދަރިއެއް ޅައުމުރުގައި ލިއުކީމީއާގެ ސަބަަބުން ނިޔާވެފައިވާއިރު، އެ ހިތްދަތި ކަމުން އަރައިގަނެ މައިންބަފައިންގެ ފަރާތުން މިއަދު އޭނާއަށް ލިބޭ އެހީއާއި ހެޔޮ ދުއާތަކަކީ އޭނާގެ އެންމެ ބޮޑު ހިތްވަރެވެ.

ކަންމިހެން ހުރިކަމުގައިވިޔަސް، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޭނާގެ އަޒުމް ވަރުގަދައެވެ. ދެކެމުން އަންނަ ހުވަފެންތައް ފޮންޏެވެ. އެހެންނަމަވެސް، މި ބައްޔާއި މެދު ވަރަށް ބޮޑަށް ދިވެހިން ހޭލުންތެރިވާން ޖެހޭކަމަށް އޭނާ ދެކެއެވެ.

ކިޔެވުމުގަޔާއި އަދި ވަޒީފާގެ މާހައުލުގައިވެސް މި ބަލި ދަންނަ މީހުން މަދެވެ. ދާންޖެހޭ ތަނަކަށް ނުދެވެނީ ގައިގެ މިވެނި ތަނަކަށް ތަދުވާތީވެއޭ ބުންޏަސް، މާ އާދައިގެ ކަމެއް ކަމަށް ގިނަބަޔަކަށް ހީކުރެވެއެވެ. ނަމަވެސް ލޫޕަސް ބަލި މީހުންނަށް އެނގޭނަމަ މިފަދަ ދަތިތަކެއް ކުރިމަތި ނުވާނޭ ކަމުގައި އޭނާ ދެކެއެވެ.

އޭނާ މި ވާހަކަ ހިއްސާ ކުރަން ބޭނުންވީ ވެސް އެ ސަބަބަށްޓަކައެވެ. އާންމުންނަށް ލޫޕަސް ބައްޔަކީ ކޮބައިކަން އަންގައިދިނުމެވެ. އަދި ދިވެހިންގެ މެދުގައިވެސް މި ބަލި އޮތްކަމާއި މި ބައްޔާއި މެދު ހޭލުންތެރިވާން ޖެހޭކަން ބުނެދިނުމެވެ.