ހިތަދޫ ސަރަހައްދީ ބަނދަރުގައި ހިޔާނުކޮށް ހުރި ސިމެންތި ބަސްތާތަކެއް، ވާރޭވެހިގެން ހަލާކުވެއްޖެ އެވެ.

ބަނދަރުގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި މިރޭ ވިދާޅުވީ، މިދިޔަ ހަފުތާތެރޭ ބަނދަރަށް ބާލާފައިވާ އެސްޓީއޯގެ 6000 ޓަނުގެ ސިމެންތި ބަސްތާތަކުގެ ތެރެއިން 2000 ޓަނުގެ ސިމެންތި ހިޔާނުކޮށް ބަނދަރުގައި ބަހައްޓާފައި ހުއްޓާ މިއަދު ވާރޭވެހުމުގެ ސަބަބުން އޭގެ ތެރެއިން ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށެވެ.

"މިހާރުވެސް ވާރޭވެހެމުން އެދަނީ. ދެހާސް ޓަނުގެ ސިމެންތި ހުރީ ހިޔާނުކޮށް، ހިޔާކުރާނެ ގޮތެއް ނެތިގެން. އޭގެ ތެރެއިން ބޮޑު ބައެއް ހަލާކުވީ." އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ސިމެންތި ހިޔާނުކޮށް ހުރީ ގުދަނުގައި ޖާގަ ނެތިގެންނެވެ. އަދި ލިބުނު ގެއްލުން އެނގޭނީ މާދަމާ ޗެކުކުރުމަށްފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އެ ތަކެތި ބޯޓުން ބޭލުމަށްފަހު ހިޔާނުކޮށް ބަހައްޓާފައި ހުރީ ބަނދަރުން ޒިންމާވާ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވި އެވެ.