ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހިދާނެ ކަަމަށް އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާ މެމްބަރު އަބްދުއްރަހީމް (އަދުރޭ) އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހޯމް މިނިސްޓަރު އިމްރާން އަކީ "ތަސައްރަފު ނުފުދޭ" ބޭފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ޖެހިދާނެ ކަމަށެވެ.

"މިހާރު މިވާގޮތުން އަޅުގަނޑަށް ހީވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް [މަޖިލީހަށް] ވައްދަން ޖެހޭ ހެން. އެއީ ތަސައްރަފު ނުފުދޭ މީހަކު ހޯމް މިނިސްޓަރު ކަމުގައި ބަހައްޓަން ވަރަށް އުދަގޫ ވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ޑިފެންސް މިނިސްޓަރު މަރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޑީފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިމެންވާއިރަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ޖެހިދާނެ ކަމަށެވެ.

"ބައްލަވާ މިއީ އަޅުގަނޑުމެންނަށް ދެވުނު ސިގްނަލް އެއް ކަމަށް. މިކަން ކުރިއަށް ދާނެ އިރާދަކުރެއްވިއްޔާ،" އަބްދުއްރަހީމް ވިދާޅުވީ، އިމްރާން އަކީ ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ.

ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އައިޖީއެމްއެޗަށް ގެންދިޔުމާއެކު އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އިއްޔެ ވަނީ އައިޖީއެމްއެޗަށް ވަދެ އިހުތިޖާޖު ކޮށްފައެވެ.

އެކާމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހޮސްޕިޓަލް ފަދަ ސިއްހީ ހިދުމަތްދޭ ތަންތަނަށް "ގަދަ ބާރުން ވަދެ، ހަމަ ނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް" ހިންގުމެއް ނޫން ކަމަށެވެ.

ނަމަވެސް އަބްދުއްރަހީމް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ހޮސްޕިޓަލަށް ދިޔައީ ބަލި މީހުންނަށް ޒިޔާރަތް ކުރާ ވަގުތުގައި ރައީސް ޔާމީންގެ ހާލު އޮޅުންފިލުވައި ރައީސް ޔާމީން ދެކިލަން ކަމަށެވެ.

ޖަލު ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ، އެ ގައިދީއެއްގެ ގާނޫނީ ވަކީލުންނާއި އައިލާގެ މީހުންނަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން ހޮސްޕިޓަލް ފަދަ ތަންތަނަށް އެއްވުމަކީ މަނާ ކަމެކެވެ.