21 Feb 2019, 20:43
އިއްޔެ އައިޖީއެމްޗްގެ ތެރޭގައި އެއްވި ރައީސް ޔާމީންގެ ސަޕޯޓަރުން ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ތެރެއަށް ވަންނަން މަސައްކަތް ކުރީ، އޭނާގެ މެއަށް ތަދެއް އަަރައިގެން އެތަނުގެ ތެރެއަށް ވެއްޓުމުން ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިއްޔެ ރައީސް ޔާމިން އައިޖީއެމްއެޗަށް ގެންދިޔުމުން އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެ ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ކުރިމައްޗަށް އެއްވެފަ އެވެ. އެ އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހު ފުލުހުން ވަނީ ހޮސްޕިޓަލުގެ ތެރޭގައި ޕެޕާ ސްޕްރޭވެސް ޖަހައިފަ އެވެ.
މިއަދު ޕްރޮގްރެސިވް ކޮންގްރެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުލްރަހީމް ވިދާޅުވީ، އެތަނަށް މީހުން އެއްވީ ރައީސް ޔާމީނަށް ޒިޔާރަތް ކުރުމަށް ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ސިޔާސީ ހަރަކާތެއް ނުހިންގާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެތާ ތެރޭގައި ހުއްޓާ މޭދަށަށް ތަދެއް އަރައިގެން ވެއްޓުނު. ވެއްޓުމާ އެކީގައި މި ބޭބޭފުޅުން އެތާ ތިބެފައި އަޅުގަނޑު ނަގައިގެން، މި ބޭފުޅުންނަށް އެނގޭނެ އަޅުގަނޑަކީ ހިތުގެ މައްސަލައެއްގައި ޕޭސް މޭކަރެއް ލައްވައިފައި ހުންނަ މީހެއް ކަން. އެހެންވީމަ އެ ބޭފުޅުން ބޭނުންވީ ވީހާ އަވަހަކަށް ހިތުގެ ފަރުވާދޭ ކްލިނިކަށް އަޅުގަނޑު ވައްދަން،"
އަބްދުލްރަހީމް ވިދާޅުވީ، އޭނާ އެތަނުގެ ތެރެއަށް ވައްދަން މަސައްކަތް ކުރި ނަމަވެސް، ފުލުހުން ހުރަސް އެޅި ކަމަށެވެ. އަދި އެތަނުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި މީހުންނަށް ފުލުހުން އަނިޔާ ކުރި ކަމަށެވެ. އޭނާއަށް ވެސް އަނިޔާވި ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.
"ނަމަވެސް، އޭރު އަޅުގަނޑުގެ ހާލަތު ހުރި ގޮތުން ނޭނގެ އަނިޔާވީ ކިހިނެއް ކަމެއް،"
ހޮސްޕިޓަލުގެ ތެރޭގައި އަނިޔާވީ އަބްދުލްރަހީމްގެ އަތަށެވެ. އޭނާގެ އަތް ކަނޑައިގެން ގޮސް ވަނީ ހޮސްޕިޓަލުގެ ތެރެއަށް ލޭ އެޅިފަ އެވެ. ނަމަވެސް، ފަހުން އިމަޖެންސީއަށް ގެންގޮސް އޭނާއަށް ވަނީ ފަރުވާ ދީފަ އެވެ.
"އަޅުގަނޑު ކްލިނިކުގެ ތެރެއަށް ވައްދަން އުޅުނު މަސައްކަތުގެ ތެރޭގައި، އެއީ ނުކިޔަމަންތެރިވުން ކަމަށް ބަލައި ޕެޕާ ސްޕްރޭ ޖެހީ. މިއީ ވަރަށް ލާއިންސާނީ އަމަލެއް،" އަބްދުލްރަހީމް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އަބްދުލްރަހީމް ވަނީ އޭނާގެ ހިތުގައި ޕޭސްމޭކަރެއް ހަރުކޮށްފައި ހުރިކަން ދެއްކުމަށް އޭނާގެ މޭމަތި ނޫސްވެރިންނަށް ދައްކައިފަ އެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލުގެ ތެރޭގައި ޕެޕާ ސްޕްރޭ ޖެހީ އެއްވުމުގެ ބައިވެރިން ހިންގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމަށެވެ. އަދި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ބުނެފައިވެ އެވެ.