21 Feb 2019, 20:17
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން 403 ފަރާތަކުން ހުށަހަޅައިފި އެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިއަދު ހަވީރު 4:00 އަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވި އިރު 403 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރާ ނަމަ 5000 ރުފިޔާގެ ފީއެއް އިލެކްޝަންސް ކޮމިޝަނަށް ދައްކަން ޖެހެ އެވެ. މިފަހަރުގެ އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުން ދެއްކި ފައިސާއާ އެކު އިލެކްޝަންސް ކޮމިޝަނަށް ފީގެ ގޮތުގައި ޖުމްލަ 2،015،000 ރުފިޔާ ލިބިފައިވެ އެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތަފްސީލު ހޮނިހިރު ދުވަހު ބާއްވާ ހާއްސަ ޕްރެސް ކޮންފަރެންސެއްގައި އާންމުކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުން އޮތީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ނަމަބަރު ތަރުތީބު ކުރުމުގައ ބައިވެރިވެވެނީ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންގެ މަންދޫބަށެވެ.
މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރީލް ހަވަ ދުވަހު އެވެ. އެންމެ ގިނަ ކެންޑިޑޭޓުން އެއް ޕާޓީއަކުން ވާދަކުރަނީ ސަރުކާރު މައި ޕާޓީ އެމްޑީޕީންނެވެ. އަދި ޖުމްހޫރީ ޕާޓީން 42 މެމްބަރުން ކުރިމަތިލާއިރު އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ ހަ ދާއިރާއަކަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ތާއީދާއެކު ކުރިމަތިލަނީ 24 ކެންޑިޑޭޓުންނެވެ. އޭގެ އިތުރުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް 46 މެމްބަރުން ވާދަކުރާއިރު އެމްޑީއޭއިން އަށް ދާއިރާއަކަށް ވާދަކުރަން ވަނީ ނިންމާފަ އެވެ. އަދި އެމްޓީޑީންނާއި ލޭބަ ޕާޓީންވެސް ކޮންމެ ޕާޓީއަކުން އަށް ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވެ އެވެ.