ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް ރައީސްގެ މަގާމުން ހާމިދު އިސްމާއިލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހާމިދުގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިފައިވާ ކަން ޗެމްބަރުން ކަށަވަރުކޮށްދިނެވެ.

އެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ، ހާމިދު އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ކަންކަމުގައި އުޅުއްވާއިރު ޗެމްބަރުގެ ކަންކަމަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ ކަމަށް ވިދާޅުވެ ކަމަށެވެ.

"އިސްތިއުފާގެ ސިޓީގައި އޮތީ އަމިއްލަ ވިޔަފާރީގެ ކަންކަމުގައި އުޅުއްވަމުން ޗެމްބަރަށް ވަގުތު ދެއްވެން ނެތިގެންނޭ އިސްތިއުފާ ދެނީ،" އާސިފް ވިދާޅުވި އެވެ.

މިލިނިއަމް ޑިވެލޮޕްމަންޓްގެ ޗެއާމަން އަދި ގަލްފް ކްރާފްޓްގެ ހިއްސާދާރެއް ކަމަށްވާ ހާމިދު ޗެމްބަރުގެ ރައީސްކަމުން އިސްތިއުފާދެއްވާފައި މިވަނީ، ޖީއެސްޓީ ނެގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޗެމްބަރުން ވަރަށް ބޮޑަށް ފާޑުކިޔައި، އެ މައްސަލަ ކޯޓަށް ވެއްދި މައްސަލާގައި އެ ޖަމިއްޔާއާއި ސަރުކާރާ ދެމެދު މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ފޯނަށް ޖަވާބުނުދެއްވާތީ ހާމިދުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.