21 Feb 2019, 16:58
ގދ. ގައްދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އާ ބްރާންޗެއް ހުޅުވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި ސެލްފް ސާވިސް ބޭންކިންގް އޭޓީއެމް ސެންޓަރަކާއެކު ހުޅުވި އެ ބްރާންޗުން ބޭންކުގެ ގިނަ ހިދުމަތްތައް ލިބޭނެއެވެ.
އޭގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ އިރު، ބޭންކިންގް ހިދުމަތްދޭ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހިދުމަތް ލިބޭނެއެވެ.
މި ބްރާންޗު ހުޅުވުމަށް ގައްދޫގައި ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ އެ ބްރާންޗު މެދުވެރިކޮށް ލިބޭނެ ހިދުމަތްތަކަކީ ގައްދޫއަށް އަންނަމުންދާ ތަރައްގީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ހިދުމަތްތަކަކަށް ވާނެކަން ޔަގީންކުރައްވާ ކަމަށެވެ.
"ބްރާންޗްގެ ސަބަބުން މިރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގް ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ. މިއީ މުޅި ރާއްޖެއަށް ބޭންކިންގް ޚިދުމަތްފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ފެށިގެންދާ ހިދުމަތްތަކެއް،" ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.