21 Feb 2019, 19:00
ރާއްޖޭގެ ތިބެގެން ޑޮކްޓަރުކަން ކިޔެވުމަށް، ގައުމީ ޔުނިވާސިޓީން ދާދި ފަހުން ހުޅުވި ސްކޫލް އޮފް މެޑިސިންއިން، ކުރިއަށްގެންދާ އެމްބީބީއެސް ކޯހުގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެމްއެންޔޫއިން ބުނީ އެމްބީބީއެސްގެ ދެވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލުމުން އެދެވޭ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކޯހަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ތިނަކަށް މިހާރު އިތުރުކޮށްފައިވާ ކަމަށްވެސް އެ ޔުނިވާސިޓީންއިން ބުންޏެވެ.
ގައުމީ ޔުނިވާސިޓީގައި އެމްބީބީއެސްއަށް ކިޔަވައިދޭން މިދިޔަ އަހަރު ފެށިއިރު ކޮންމެ ކުއްޖެއްގެ އަތުން މަހަކު 1،000 ޑޮލަރަށްވާ ފައިސާ ދިޔައީ ނަގަމުންނެވެ. ނަމަވެސް ފަހުން އެ ފީގެ އަދަދު 800 ޑޮލަރަށް ކުޑަކުރިއެވެ. މެޑިސިން ކިޔެވުމަށް ބައެއް ދަރިވަރުންނަށް އޭރު ހަޔާ އެޑިއުކޭޝަނުން ލޯނުގެ ފުރުސަތު ހުޅުވާލިއެވެ.
ނަމަވެސް ރާއްޖޭގެ ސަރުކާރުގެ ޔުނިވާސިޓީތަކުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއެކު، ރާއްޖޭގައި ޑޮކްޓަރުކަންވެސް މިހާރު ހިލޭ ކިޔެވޭނެކަމަށް އެމްއެންޔޫއިން ބުންޏެވެ.
މެޑިސިން ކިޔަވައިދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބައެއް ފަންގިފިލާތައްވެސް ވަނީ ހާއްސަކޮށްފައެވެ. ނަމަވެސް އެ ހޮސްޕިޓަލް ހުޅުވުން ލަސްވެފައިވާތީވެ އެތަނުގައި އަދި ކިޔަވައެއް ނުދެއެވެ.
އަދި އެމްބީބީއެސްގެ ފުރަތަމަ ބެޗް ބައެއް މޮޑިއުލްތައް މެލޭޝިއާގެ ޔުނިވާސިޓީއެއްގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.