21 Feb 2019, 16:39
ރާއްޖޭގެ ތާރިޙާ ސަގާފަތާ ގުޅޭ ގޮތުން ޕީއެޗްޑީ ޕްރޮގްރާމެއް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ނިންމައިފި އެވެ.
އެމްއެންޔޫ އިން ބުނީ އެ ކޯސް އަންނަ ސެމެސްޓާގައި ފެށުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އެ ކޯހާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން ވިދާޅުވީ ރާއްޖޭގެ ތާރީހާ ސަގާފަތާ ތަރިކައާ ގުޅޭ ވަރަށް ގިނަ ހޯދުންތައް ހޯދަން ޖެހޭ ކަމަށެވެ.
"ތާރީހާއި ސަގާފަތާ ގުޅޭ ގޮތުން ވަރަށް ގިނަ ބައެއްގެ ސުވާލުތައް އެބަހުރި. މިއީ މަތީފެންވަރެއްގައި ޖަވާބު ހޯދުމަށް ޓަކައި އަޅުގަނޑުމެން ހުޅުވާލާ ފުރުސަތެއް." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހާ ސަގާފަތާ ގުޅޭ ގޮތުން ޕީއެޗްޑީ ޕްރޮގްރާމެއް އެމްއެންޔޫއިން ފަށަން ނިންމި އިރު، އެ ޔުނިވާސިޓީ އިން މިއަދު ވަނީ ދިވެހި ބަހުން ޕީއެޗްޑީ ޕްރޮގްރާމެއް ވެސް މިއަދު ފަށައިފަ އެވެ.
އެމްއެންޔޫ އިން ބުނީ އެ ޕްރޮގްރާމަށް 14 ފަރާތަކުން ކުރިމަތިލި ކަމަށާއި އެހެންނަމަވެސް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ދީފައި ވަނީ އެންމެ ތިން ފަރާތަށް ކަމަށެވެ.
މިއީ ތިން އަހަރު ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.
އެމްއެންޔޫ އިން މިހާރު ވެސް ދިވެހި ބަހުގެ ޑިގްރީ އަދި މާސްޓާސް ކޯސްތައް ގެންދަނީ ކުރިއަށް ގެންދަމުންނެވެ.