އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ ވެހިކަލްގެ ފުރޮޅަކާ ދިމާލަށް ގާބުރިއެއް ލީ ފުލުހުންނަށް ހުރަސް އެޅުމަށް ނޫން ކަމަށާއި އެއީ ބަޔަކަށް ނުވަތަ މީހަކަށް ގެއްލުމެއް ވެދާނެތީ ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އެމަކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ނިހާން ފުލުހުންގެ ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލާ މަންޒަރު ފެންނަ ވީޑިއޯ އެއް ރޭ ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައެވެ. ނިހާން އެ މަައްސަލަ ބެލުމަށް ފުލުހުން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކާ ގުޅިގެން ނިހާން މިއަދު "ސަން" އަށް ވިދާޅުވީ، އެ އަމަލަކީ އެއްވެސް ހާލެއްގައި ފުލުހުންގެ ވެހިކަލަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށާއި ގާބުރި އެއީ އެ ވެހިކަލް އޮޅިގެން ނަމަވެސް އެ ވެހިކަލް ފަހަތަށް ދިއުމާއެކު ބަޔަކަށް ގެއްލުން ވެދަނެތީ، ފުލުހުންނަށް އެހީތެރިވެދިނުމަށް" ކުރެއްވި އަމަލެއް ކަމަށެވެ.

"އަޅުގަނޑު ފުލުހުންގެ ވެހިކަލަށް ހުރަސް އެޅުމަށް ބޭނުންވި ނަމަ އެ ގާ ބާއްވާނީ ފުރޮޅުގެ ކުރީގައި. ފުރޮޅު ކުރީގައި ނޫން ގާ ބެއްވި. އޮޅިގެން ނަމަވެސް ފުލުހުނަށް [ވެހިކަލް] ފަހަތައް ޖެހިއްޖެ ނަމަ ބަޔަކަށް ގެއްލުން ވެދާނެތީ [ކުރި ކަމެއް]" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އެ މަންޒަރުގެ ވީޑިއޯ ބަޔަކު ތަކުރާރުކޮށް ދައްކަމުން ދަނީ ސިޔާސީ ބޭނުމަށްޓަކަައި ކަމަށާއި އެއީ" އިންސާފަކާއި ހަމަހަމަކަމުން" ކުރާ ކަމެއް ނޫން ކަމަށެވެ.

ނިހާން ރޭގައި ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވީ ފުލުހުންގެ ވެހިކަލެއް ރައްޔިތުންގެ ތެރެއަށް ވަދެ، ފަހަތަށް ދުއްވަން އުޅޭފިނަމަ ރައްޔިތުންނަށް އަނިޔާވެދާނެތީ އެފދަ ކަމަކުން ރައްޔިތުން ސަލާމަތްކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެއް ކަމަށެވެ.

ދައުރުވަމުންދާ ވީޑީއޯއާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ނިހާން އަށް ވަނީ އަމާޒުވެފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެމައްސަލައިގައި ބަލަން ޖެހޭ ހުރިހާ ކަމެއް މިހާރުު ބަލަމުންދާ ކަމަށެވެ.