21 Feb 2019, 13:32
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފިއެވެ.
މިދިޔަ ހޯމަ ދުވަހު، ރައީސް ޔާމީން މައްޗަށް ކޮށްފައިވާ މަނީ ލޯންޑައރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެ އަމުރު އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ މިދިޔަ ބުދަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ އަމުރު އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާއިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މަނީ ލޯންޑަރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާގޮތުން މަނީ ލޯންޑާ ކުރުމުގެ އަދަބަކީ، އެއްލަކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރުމާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖުރިމަނާ ކުރުމާއެކު، ފަސްއަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެއެވެ.