14:30


ރާއްޖޭގައި ގާއިމްކޮށްފައިވާ ޕެންޝަން ސްކީމްތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިވެފައިވާ މިންވަރު ބެލުމުގެ ސާރވޭއެއް ފަށައިފި އެވެ.


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޑިއާ އޮފިސަރު މަރިޔަމް ޝާދިޔާ މިއަދު ވިދާޅުވީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ރާއްޖޭގައި އަލަށް ގާއިމްކުރެވޭ ޕެންޝަން ސްކީމްތަކާ ބެހޭ ގޮތުން ބޭސްލައިން ސާރވޭ އެއް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި ސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޯނު މެދުވެރިކޮށް ކަމަށާއި އެ ސާރވޭގެ ބައިވެރިން ހޮވާ ގޮތަށް ހަމަޖެހިފައިވަނީ ފޯނު ޑައިރެކްޓްރީ އިން ނަމްބަރު ރެންޑަމްކޮށް ނަގައިގެން ކަމަށް ވެސް ޝާދިޔާ ވިދާޅުވި އެވެ.


އުމުރުން 16 އަހަރުން މަތީގެ މީހުންނާ ސުވާލު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާރވޭއަކީ ރާއްޖެގައި މުޅިން އަލަށް ކުރާ ކަމެއް ކަމަށް ވެސް ޝަދިޔާ ވިދާޅުވި އެވެ. ޝާދިޔާ ވިދާޅުވީ އެ ސާރވޭގައި ޕެންޝަން ސްކީމްތަކަށް އާއްމުން ހޭލުންތެރިވެފައިވާ މިންވަރާއި ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމާއި،  ޕެންޝަން އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދޭނެ ކަމަށެވެ. އަދި މި ސާރވޭގެ ނަތީޖާ އަށް ބެލުމަށްފަހު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝާދިޔާ ވިދާޅުވި އެވެ. މި ސާރވޭ ކުރިއަށް ގެންދާނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިނޯވާ އާ ގުޅިގެން މިމަހުގެ ނިޔަލަށް ކަމަށް ޝާދިޔާ ވިދާޅުވި އެވެ.