ދިވެހި ބަހުން ޕީއެޗްޑީ ޕްރޮގްރާމެއް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ފަށައިފި އެވެ.

"ޕީއެޗްޑީ އިން އެޕްލައިޑް ލިންގުއިސްޓިކްސް"ގެ ނަމުގައި މިއަދު އެ ޕްރަގްރާމް އިފްތިތާހު ކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ޕީއެޗްޑީ ހަދުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ލިޔުންތައް ހަވާލުކޮއްދެއްވީ ނިޝާނުލް އިއްޒައްދީންގެ ވެރިޔާ އައްބާސް އިބްރާހިމް އެވެ.

އެމްއެންޔޫ އިން ބުނީ އެ ޕްރޮގްރާމަށް 14 ފަރާތަކުން ކުރިމަތިލި ކަމަށާއި އެހެންނަމަވެސް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ދީފައި ވަނީ އެންމެ ތިން ފަރާތަށް ކަމަށެވެ.

މިއީ ތިން އަހަރު ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްބާސް ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހި ބަހަކީ އާދައިގެ މީހަކު ވިސްނާލާ ވަރަށް ވުރެ މާ މުއްސަނދި ބަހެއް ކަމަށެވެ.

"އަޅުގަނޑަކީ މާ ގިނަ ބަސްތަކެއް ދަންނަ މީހެއް ނޫން. އެހެން ނަމަވެސް އުރުދޫ ބަހާއި އިނގިރޭސި ބަސް ފޮތްތަކުގައި ކިޔެފައި އޮންނަ އެއްޗެއް އަޅުގަނޑަށް ދިވެހި ބަސް އެނގޭ ފެންވަރުން ދިވެހި ބަަހަށް ތަރުޖަމާކޮށް އުޅޭ މީހެއް އަޅުގަނޑަކީ." އޭނާ ވިދާޅުވި އެވެ.

އަދި އެ ބަސްތަކުގައި ހުންނަ ރީތި ބަސްތަކާއި ރީތި ޖުމްލަތައް ދިވެހި ބަހުގައި ވެސް ހުންނަަ ކަމަށާއި އަދި ބުނެވޭނެ ގޮތް ވެސް ދިވެހި ބަހުގައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.