ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އެކުންފުނީގެ ސީނިޔާ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން، މިފްކޯ އަށް ބަދަލުކޮށް އެސްޓީއޯގެ އެހެން ދެ ޑިޕާޓްމެންޓުގެ ވެރިން ވަޒީފާ އިން ވަކިކޮށްފި އެވެ.

އާޝާން "ސަން" އަށް ވިދާޅުވީ އިއްޔެއިން ފެށިގެން މިފްކޯގެ ޑެޕިއުޓީ ސީީއީއޯ އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކާ އެކު ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

ވަޒީފާ އިން ވަކިކޮށްފައި ވަނީ ޕްރޮކިޔުމެންޓް އެންޑް އެސެންޝިއަލް ގުޑްސް ޑިޕާޓްމެންޓުގެ ވެރިޔަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި ސްޓޭޕްލް ފުޑްސް އެންޑް އެނާޖީ ޑިޕާޓްމެންޓްގެ ވެރިޔަކަށް ހުންނެވިރަމްޒީ އަބޫބަކުރު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އާޝާން އެސްޓީއޯގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1994 ވަނަ އަހަރު އެވެ. ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ ހެޑުގެ އިތުރުން ރީޖަނަލް ސޭލްސް ޑިޕާޓްމެންޓުގެ ހެޑުކަމާއި ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވަނީ އަދާކުރައްވައިފަ އެވެ.

ޝުޖާއު އަކީ 1998 ވަނަ އަހަރުން ފެށިގެން އެސްޓީއޯގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޕްރޮކިޔުމެންޓް އެންޑް އެސެންޝިއަލް ޑިޕާޓްމެންޓުގެ ހެޑަކަށް އައްޔަނުކުރުމުގެ ކުރިން ޝުޖާއު ހުންނެވީ އެސްޓީއޯގެ އައިޓީ ޑިޕާޓްމެންޓުގައެވެ.

ރަމްޒީއަކީ މީގެ ކުރިން މިފްކޯގެ ސީީއީއޯއަކަށްވެސް ހުންނެވި ބޭފުޅެކެވެ. މެޑިކަލް އެންޑް މާކެޓިން އެންޑް ސޭލްސް ޑިޕާޓްމެންޓުގެ ހެޑުކަންވެސް ކުރެއްވި ރަމްޒީ އެސްޓީއޯ އާ ގުޅިވަޑައިގަތީ 2007 ވަނަ އަހަރުއެވެ.