21 Feb 2019, 13:01
ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި މެދު ރާސްތާ ދުވުންތަކުގެ ގައުމީ ރެކޯޑް އޮންނަ ހުސެއިން ފަޒީލް ހާރޫންއާ އެކު އިތުރު ނުވަ ބައިވެރިން ހިމެނޭ ޓީމެއް އިންޑިއާގައި ތަމްރީން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ އެހީއާ އެކު އެ ގައުމުގައި އެތްލީޓުން ތަމްރީން ކުރުމުގެ ސްކޯލާޝިޕުތަކެއް ރާއްޖޭގެ އޮލިމްޕިކް އެސޯސިއޭޝަން އަށް ވަނީ ލިބިފަ އެވެ. އެގޮތުން އެ އެސޯސިއޭޝަނުން މިއަދު ވަނީ އެ ސްކޯލާޝިޕުތަކަށް ރާއްޖެ އިން ފޮނުވާނެ ބައިވެރިންގެ ނަންތައް އާންމުކޮށްފަ އެވެ. ފުރުސަތު ލިބުނު ބައިވެރިން ދެ މަސް ދުވަހުގެ ތަމްރީން ސްކޯލާޝިޕަށް ބެންގަލޫރަށް ދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ރާއްޖޭން ތަމްރީނަށް ފޮނުވާ ނުވަ ދުވުންތެރިން، އެކްޓިން އެމްބެސެޑަރު އަރްޗަނާ ނަޔަރު (މ) އާ އެކު. -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން
އަދި އެ ތަމްރީނުތަކަށް ފޮނުވުމަށް ޓަކައި ނުވަ ދުވުންތެރިންނާއި ދެ ކޯޗުންނަށް މިއަދު ވަނީ އިންޑިއަން އެމްބަސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޯލާޝިޕް ހަވާލުކޮށްފަ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރުގެ ދުވުމުން ގައުމީ ރެކޯޑް އޮންނަ ހުސެން ފަޒީލް ހާރޫން އާއި އުއްމީދީ ދުވުންތެރިން ކަމަށްވާ ހުސެއިން ރިޒާ އާއި ސަރީޝް އަހުމަދާއި އިބާދުﷲ އާދަމާއި އަހުމަދު ޝާމް މުހައްމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އަދި މުހައްމަދު ނާއިލް އަށް އެތްލެޓިކްސް ސްކޯލާޝިޕް ހަވާލު ކުރި އިރު އަޙްމަދު ފާޢިލް އާއި މުޙައްމަދު އަށް ވަނީ ކޯޗިންގް ސްކޯލާޝިޕް ހަވާލުކޮށްފަ އެވެ.
މި ތަމްރީންތައް ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރުގައި މިއަދުން ފެށިގެން އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ތަމްރީނުތަކުގެ ސަބަބުން ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމަށް ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށާއި އެތްލީޓުންނަށް ވަނީ އެގައުމުގައި ތަމްރީން ކުރުމުގެ ފުރުސަތު ވަނީ އެ ގައުމުން ވަނީ ފަހި ކޮށްދީފަ އެވެ.