21 Feb 2019, 11:16
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޝަލްކޭއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗުން ސިޓީ މޮޅުވުމުން އެ ޓީމު މި ސީޒަނުގައި ދާން އޮތް މަންޒިލު އިނގިއްޖެކަމަށް އެ ޓީމުގެ ފޯވާޑް ރަހީމް ސްޓާލިންގް ބުނެފިއެވެ.
ޝަލްކޭގެ ވެލިޓިންސް އެރީނާގައި ރޭ ކުޅެވުނު އެ މެޗު 2-3 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބު ކުރިނަމަވެސް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ގިނަ ބޮޑު ބައެއް ސިޓީ ކުޅުންޖެހި ޓީމުގެ އަސްލު ކުޅުން ރޭގައި ފެނިގެން ގޮސްފައެއް ނުވެއެވެ.

މެންޗެސްޓާ ސިޓީއާއި ޝަލްކޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑެޖަން ކްލަނިކް
ނަމަވެސް ފަހަތުން އަރާ ފަހު ގަޑީގައި ޖެހި ގޯލުތަކުން ޝަލްކޭގެ މައްޗަށް ސިޓީއިން ހޯދި ކާމިޔާބީގެ ސަބަބުން އެ ޓީމު ދާން ބޭނުންވާ މަންޒިލް ވަރަށް ސާފުކޮށް އެނގިއްޖެކަމަށް ރޭގެ މެޗުގައި ސިޓީއަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ސްޓާލިންގް ވަނީ ބުނެފައެވެ.
"ހުރިހާ މެޗުތަކަކީ ބޮޑެތި ސްކޯތަކުން މޮޅުވެވޭނެ މެޗުތަކެއް ނޫން. ޗެމްޕިއަންސް ލީގުގައި މިކަހަލަ މެޗުތަކަކީ އިދިކޮޅު ޓީމުތައް ވަރަށް މޮޅަށް ކުޅެ ލިބޭ ފުރަސަތުތަކުގެ ބޭނުން ހިފާނެ މެޗުތައް. ވަރަށް އުނދަގޫ މޮޅެއް މި ލިބުނީ. އެކަމު މި މެޗުގެ ސަބަބުން އަހަރަމެން އުންމީދުކުރަމުން މި ދާ މަންޒިލްއަށް ޓީމު ގެންދެވޭނެކަމުގެ އުންމީދު މުޅިން އާވެއްޖެ،" ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ބައްދަލުކުރަމުން ސްޓާލިންގް ބުންޏެވެ.
މީގެ އިތުރުން އެއް ކުޅުންތެރިއަކު މަދުކޮށް ގިނަ ވަގުތު ކުޅެން ޖެހުމާއި އިދިކޮޅު ޓީމުން ލީޑު ނެގުމުން ޓީމަށް ކޮންމެސް ވަރެއްގެ ޕްރެޝަރެއް ކުރިމަތިވި ކަމަށާއި މެޗު ނިމެންދެން މޮޅުވުމުގެ އަޒުމުގައި ކުޅުމުން މެޗު ކާމިޔާބުވީ ކަމަށް ސްޓާލިންގް ބުންޏެވެ.
ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި، ލީޑު ނެގީ ސިޓީއެވެ. ސާޖިއޯ އަގުއޭރޯ އެ ގޯލު ކާމިޔާބުކުރި ނަމަވެސް ޝަލްކޭއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ދެ ޕެނަލްޓީއިން ނަބީލް ބެންތަލަބްއެވެ.
ދެވަނަ ހާފުގައި ސިޓީގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއަށް ވަނީ ދެ ރީނދޫކާޑު ހަމަވެ ރަތް ކާޑަކާ އެކު ދަނޑުން ފޮނުވާލާފައެވެ. އެހެނަސް 10 ކުޅުންތެރިންނާއި އެކު ސިޓީ ހިތްވަރު ދޫނުކޮށް އިތުބާރާއެކު ކުޅެ މެޗު ނިމުމުގެ ކުރިން ވަނީ ދެ ގޯލު ޖަހާ ހަނި ގޮތަކަށް މެޗު ކާމިޔާބު ކޮށްފައެވެ. ލެރޮއީ ސާނޭއާއި ރަހީމް ސްޓާލިންގް މެޗުގެ ފަހު ވަގުތު ޖަހައިދިން ގޯލުތަކާއެކު ދެވަނަ ލެގަށް ނުކުންނަ އިރު ފުރުސަތު އެންމެ ތަނަވަސް ވާނީ ސިޓީއަށެވެ.