10 Oct 2011, 19:03
މަސްވެރިންނަށް ސަބްސިޑީ ދިނުން ސަރުކާރުގެ މައްޗަށް ލާޒިމްކުރާ ގަރާރު މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމުން ޑީއާރްޕީން އެގަރާރު ބަލައިގަތުމަށް ވޯޓްދިން މެމްބަރުންނަށް ޑީއާރްޕީގެ މަސްވެރިންގެ ގޮފިން ޝުކުރުއަދާކޮށްފި އެވެ.
މަސްވެރިންނަށް ސަބްސިޑީ ދިނުން ސަރުކާރުގެ މައްޗަށް ލާޒިމް ކުރާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. މި ގަރާރު ފާސްކުރުމަށް ވޯޓުގައި ޖަލްސާގައި ތިއްބެވި 72 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ތާއީދު ކުރެއްވިއެވެ.
ޑީއާރްޕީގެ މަސްވެރިންގެ ގޮފިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަސްވެރިންނަށް ސަބްސިޑީ ދިނުން ސަރުކާރަށް ލާޒިމް ކުރާ ގަރާރަށް ވޯޓް ދެއްވި އެންމެހާ މެމްބަރުންނަށް އެޕާޓީން ޝުކުރުއަދާ ކުރާ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަށް ބޯ ލެނބުމުގެ ގޮތުން ސަބްސިޑީ ފައިސާ މިހާރުން މިހާރަށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މަސްވެރިންގެ ސަބްސިޑީގެ މައްސަލައިގައި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، މަގުމައްޗަށް ނުކުންނަން ޖެހުނަ ނުދިނުމަކީ ސަރުކާރު ހިންގާ ޕާޓީގެ ޒިންމާއެއް ކަމަށް ވެސް ޑީއާރްޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ ސިނާއަތް ކަމަށް ވާއިރު އެސިނާއަތަށް ދޭންޖެހޭ ސަމާލުކަން ދިނުމުގެ ބަދަލުގައި އެސިނާއަތާ ގުޅުން ހުރި ސަރުކާރުގެ ހަރުމުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުން ސިޔާސީ ފައިދާ ނަގަމުންދާ ކަމަށެވެ.
މަސްވެރިންނަށް 100 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދޭން ވަނީ ފާސްކޮށްފަ އެވެ.