21 Feb 2019, 11:15
ވޮޝިންޓަން (ފެބްރުއަރީ 21): އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅެން ސީރިއާއަށް ދިޔަ އެމެރިކާއަށް އުފަން، ހުދާ މުތާނާއަށް އެނބުރި އެގައުމަށް ނާދެވޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓުވިޓާ މެދުވެރިކޮށް ޓްރަމްޕް ވަނީ މުތާނާ ގައުމަށް ނުވައްދަން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯއަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ކުރިން ޕޮމްޕިއޯ ވަނީ 24 އަހަރުގެ މުތާނާ އަކީ އެމެރިކާގެ ރައްޔިތެއް ނޫން ކަމަށާއި އެހެންކަމުން އޭނާއަށް އެގައުމަށް ނުވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މުތާނާގެ އާއިލާ އާއި އޭނާގެ ވަކީލު ވަނީ އޭނާގެ އަތުގައި އެމެރިކާގެ ރަށްވެހިކަން އޮންނަ ކަމަށް ބުނެފަ އެވެ. މީގެ ކުރިން އަލަބާމާގައި ދިރިއުޅުނު މުތާނާ ސީރިއާއަށް ދިޔައީ އޭނާގެ އުމުރުން 20 އަހަރުގަ އެވެ. އޭނާ އެގައުމަށް ދިޔައީ ތުރުކީގެ ޔުނިވާސިޓީއެއްގައި އޮތް އިވެންޓަކަށް ދަނީ ކަމަށް ބުނެ، އާއިލާއަށް އޮޅުވާލުމަށް ފަހުގަ އެވެ.
މީގެ ކުރިން ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި މުތާނާ ވަނީ އޭނާ ފުރައިގެން ދިޔައީ އެމެރިކާގެ ޕާސްޕޯޓެއް ހިފައިގެން ކަމަށް ބުނެފަ އެވެ. އަދި އައިއެސްގެ ޕްރޮޕަގަންޑާ ވީޑިއޯތަކުގައި އޭނާގެ އެމެރިކާގެ ޕާސްޕޯޓު ހިފަހައްޓައިގެން ހުންނަ މަންޒަރު ދައްކާފައިވެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން މުތާނާ މިހާރު ވަނީ އެމެރިކާގެ ފައުޖުތަކުން އެހީތެރިވާ، ސީރިއާގެ ކުރުދީ ހަނގުރާމަވެރިންނާ އަމިއްލައަށް ހަވާލުވެފަ އެވެ. އަދި އޭނާގެ 18 މަހުގެ ދަރިފުޅާ އެކު މިހާރު ހުރީ ކުރުދީންގެ ރެފިއުޖީ ކޭމްޕެއްގަ އެވެ. އޭބީސީ ނޫހަށް ދިން އިންޓަވިއުއެއްގައި މުތާނާ ވަނީ އައިއެސްއާ ގުޅުނީތީ ހިތާމަ ކުރާ ކަމަށާއި ސޯޝަލް މީޑިއާގައި އެޖަމާއަތް ޕްރޮމޯޓު ކުރެވުނީތީ މާފަށް އެދިފަ އެވެ.
"އެއެއްޗެހި ނެޓުންނާއި މީހުންގެ ހަނދާނުން އެއްކޮށް ފޮހެލެވޭނެ ނަމައޭ ހިތަށް އަރާ... (އަހަންނަށް ކުރެވުނު ކަންތައްތަކާ މެދު) ހިތާމަ ކުރަން. އަހަންނަކީ ނުރައްކަލެއް ކަމަށް އެމެރިކާއިން ނުދެކޭނެ ކަމަށާއި އަހަރެން ބަލައިގަންނާނެ ކަމަށް އުއްމީދު ކުރަން،" މުތާނާ ބުންޏެވެ.
އެނެލިސްޓުން ބުނާ ގޮތުގައި، މުތާނާއަކީ އެމެރިކާގެ ރައްޔިތެއް ނޫން ކަމަށް އެގައުމުގެ ސަރުކާރުން ބުނާ ސަބަބަކީ އޭނާގެ ބައްޕައަކީ ޔަމަނުގެ ކުރީގެ ޑިޕްލެމަޓަކަށްވާތީ އެވެ. އެއީ އެމެރިކާގެ ގާނޫނުތަކުގައިވާ ގޮތުން އެގައުމުގައި އުފަންވާ ބޭރުގެ ޑިޕްލޮމެޓުންގެ ދަރިންނަށް ވަގުތުން ރަށްވެހިކަން ނުލިބޭތީ އެވެ.
ނަމަވެސް މުތާނާގެ ވަކީލު ވިދާޅުވި ގޮތުގައި މުތާނާ ވިހެއީ އޭނާގެ ބައްޕަ ޑިޕްލޮމެޓެއްގެ މަގާމު ދޫކޮށްލައި، އެމެރިކާގައި ދިރިއުޅެން ފެށި ފަހުންނެވެ.
އެމެރިކާއެކޭ އެއްގޮތަށް އިނގިރޭސިވިލާތުން ވެސް ވަނީ އެގައުމު ދޫކޮށް އައިއެސްއާ ގުޅެން ސީރިއާއަށް ދިޔަ އަންހެނަކަށް އަނބުރާ އެގައުމަށް ނުދެވޭނެ ކަމަށް ބުނެފަ އެވެ. އަދި އެގައުމުން ވަނީ 19 އަހަރުގެ ޝަމީމާ ބޭގަމްގެ އިނގިރޭސި ރަށްވެހިކަންވެސް އަތުލާފަ އެވެ.