22 Feb 2019, 10:06
މިނިސްޓްރީއަކާ ހަވާލުވެ ހުންނަވާ މިނިސްޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒު ކުރަން ހުންނަ މީހެއް ކަމަށާއި މިނިސްޓަރަކަށް ހުންނަ މީހަކީ ޓެކްނިކަލް މީހަކަށް ވުން ލާޒިމު ނޫން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ސަން އޮންލައިންގެ "50 މިނެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީއާއި މިިނިސްޓްރީގެ ދަށުން މަސައްކަތްކުރާ އެކި މުއައްސަސާތަކުގައި ޓެކްނިކަލް މީހުން އެބަތިއްބެވި ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު ވާކަށް ނުޖެހެޔޭ އޭވިއޭޓަރަކަށް، ނޫނީ ކެޕްޓަނަކަށް ވެސް، ޕައިލެޓަކަށްވެސް ވާކަށް ނުޖެހޭ. މިނިސްޓަރެކޭ ބުނާ އިރު، މިނިސްޓަރުންނަކީ ޕޮލިސީ ކަނޑައަޅާ ބަޔެއް،"
ޓެކްނިކަލް މީހުނާ އެކު މަސައްކަތް ކުރާ އިރު މައްސަލައެއް ދިމާވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާގެ "ތަޖުރިބާ" ނެތް ކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތަކަށް ވެސް ޕްރޮގްރާމުގެ ތެރެއިން ވަނީ ޖަވާބު ދެއްވައިފަ އެވެ.
"އަޅުގަނޑު ގަބޫލު ކުރާގޮތުގައި، ނުރުހުން ފާޅުކުރި، ފާޑު ކީ ބޭފުޅުންގެ ފަރާތުންވެސް ސަޕޯޓު ލިބުނު ކަމަށް ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓަރު ކަމަށް އަލަށް އިސްކުރާ އެއްވެސް ބޭފުޅެއްގެ ނުހުންނާނެ ނޫންތޯ ތަޖުރިބާ އެއް؟ ތިޔަ ވިދާޅުވަނީ ވެސް އަލަށް އަންނަ ބޭފުޅެކޭ. އަލަށް މަގާމަކަށް އައިސް މަސައްކަތް ކުރީމާ ނޫންތޯ ތަޖުރިބާ ލިބޭނީވެސް؟ ތަޖުރިބާ ހުރި ބޭފުޅުން މިނިސްޓަރު ކަމުގައި ބައިތިއްބަންޏާ އަބަދުވެސް ފެންނާނީ އެއް މޫނެއް ނޫންތޯ؟ އާ މޫނެއް ނުފެންނާނެ ނޫންތޯ؟"