10 Oct 2011, 18:26
ފ. ނިލަންދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވާ ދަރިވަރަކު އޯލެވެލް އިމްތިހާނުގައި ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ސްކޫލުން ބައިވެރި ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިފަހަރު ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ނިލަންދޫ ސްކޫލުން ބައިވެރި ކުރި ކުއްޖާގެ އާއިލާ މީހަކު ބުނީ އެކުއްޖާ ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ސްކޫލުން ބައިވެރި ކުރިކަން އެނގުނީ ސްކޫލަށް ޓެސްޓަށް ދިއުމުން ޕްރައިވެޓް ކެންޑިޑޭޓުން ތިބޭތާ އިށީނުމަށް އެންގުމުން ކަމަށެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް އޭނާ އަދި ބުނީ އެ އަންހެން ކުއްޖާ ޖީސީއޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ފައިސާ ދައްކަން ޖެހޭ ހުރިހާ މާއްދާ އަކަށް އާއިލާ އިން ފައިސާ ދެއްކި ކަމަށެވެ. އަދި ކުއްޖާ މިހާރު ވެސް ޓެސްޓަށް ދަނީ ސްކޫލް ޔުނީފޯމްގައި ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް އާއިލާ އިން ބުންޏެވެ. އަދި އެގޮތަށް އެންމެ ކުއްޖެއްގެ ސަބަބުން ސްކޫލްގެ ނަތީޖާ އަށް ބަދަލެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ނިލަންދޫ ސްކޫލުން މިފަހަރު ބައިވެރި ކުރި ހަމައެކަނި ކުއްޖާގެ އާއިލާ އިން ބުނީ އެ މައްސަލަ މިހާރު އެޑިއުކޭޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
ނަމަވެސް ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބުދުﷲ އަހުމަދު މިއަދު ވިދާޅުވީ އެ ސްކޫލްގެ ނަތީޖާ ރަނގަޅު ކުރުމަށް އެއްކުއްޖަކު ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރި ކޮށްފައިވާނެ ކަމަށެވެ. އަދި އެކަން އެ ކުއްޖާ އަށާއި ކުއްޖާގެ ބެލެނިވެރިޔާ އަށް ލިއުމަކުން އަންގައި އެ ލިއުމުގައި އެމީހުން ސޮއިކޮށްފައިވާ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.
"މިދިޔަ އަހަރު މި ކުއްޖާގެ ގްރޭޑް ނުވައެއްގެ ނަތީޖާ ދައްކަމުން ބެލެނިވެރިޔާ ގެނެސް އަޅުގަނޑުމެން ބުނެފިން ރިޕީޓް ކުރަންވީ ނޫންހޭ. އެކަމަކު ބެލެނިވެރިޔާ ބޭނުންވީ އޯލެވެލް ނިންމަން ވީހާ ވެސް އަވަހަށް. އެކަމަކު ދިހައެއްގެ ނަތީޖާ ދައްކަމުން ވެސް ބެލެނިވެރިޔާ ގެނެސް ބުނިން ޖީސީގައި ބައިވެރި ކުރާނެ ކަމެއްނެތޭ ލާރި ތަކެކޭ ދާނީ. އެކަމަކު ވަރަށް ރަނގަޅު ގޮތެއް އެބައޮތޭ ކުއްޖާއަށް ދެވަނަ ފުރުސަތެއް ދޭންވީ ނޫންހޭ. އެކަމަކު އެކަމަށް ވެސް އަމަލެއް ނުކުރި. އެޕްލިކޭޝަން ފޯމުތައް ގެނެސް ދިންއިރު ވެސް އިންނާނީ ޕްރައިވެޓް ސެންޓަރުގެ ނަން. ސްޓޭޓްމަންޓް އޮފް އެންޓްރީގައި ވެސް އޮންނާނެ ޕްރައިވެޓް ސެންޓަރުގެ ނަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ޕްރިންސިޕަލް ވިދާޅުވީ އެ ދަރިވަރު ގްރޭޑް ނުވައެއްގައި އުޅުނު އިރު ވެސް ނަތީޖާ ދައްކަމުން ރިޕީޓް ކުރަން ބެލެނިވެރިންނަށް ދެންނެވި ކަމަށާއި ނަމަވެސް އެމީހުން ދަރިވަރު ރިޕީޓް ކުރުވަން ބޭނުން ނުވި ކަމަށެވެ.
ޕްރިންސިޕަލް ވިދާޅުވީ މި އަހަރު ފަސް މާއްދާ ހަދާ އެ ކުއްޖާ އަށް ސަރުކާރުން ފައިސާ ދައްކާފައި ވަނީ ހަމައެކަނި ދިވެއްސަށް އެކަނި ކަމަށެވެ. އަދި އެހެން ހުރިހާ މާއްދާތަކަށް ފައިސާ ދައްކާފައި ވަނީ އާއިލާ އިން ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ. ޕްރިންސިޕަލް ވިދާޅުވީ ފަހުން އެ ކުއްޖާ ޕްރައިވެޓް ކެންޑިޑޭޓަކަށް ބަދަލު ކުރުމުން ސްކޫލުން ދިވެހި މާއްދާ އަށް ވެސް ފައިސާ ދެއްކި ކަމަށެވެ.
ޕްރިންސިޕަލް ވިދާޅުވީ ދަރިވަރު ކޮންމެ ތާކު ޓެސްޓު ހަދައިގެން ވެސް ނަތީޖާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެ ދަރިވަރު ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި އިމްތިހާނުގައި ބައިވެރި ކުރުވީ ކުއްޖާގެ މަސްލަހަތަށާއި ސްކޫލްގެ މަސްލަހަތައް ބެލުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުއްޖާގެ ސަބަބުން ސްކޫލްގެ ނަތީޖާއަށް ބަދަލެއް އައިސްފި ނަމަ އެ ކުއްޖާއާ ދިމާލަށް ވެސް މީހުން އެއްޗެހި ކިޔާނެ ކަމަށެވެ.
މީގެ އިތުރުން އެ އަތޮޅު ފީއަލީ ސްކޫލުން ވެސް ވަނީ އެ ސްކޫލުގެ އޯލެވެލް ނަތީޖާ ދަށްވެދާނެ ކަމަށް ބަލައި ގިނަ އަދަދެއްގެ ދަރިވަރުން ޕްރައިވެޓް ކެންޑިޑޭޓުން ގޮތުގައި ބައިވެރިކޮށްފައިވެ އެވެ. އެހެންނަމަވެސް ފީއަލީ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ރުޝްދީ ވިދާޅުވީ އެއްވެސް ދަރިވަރަކަށް ޕްރައިވެޓް ކެންޑިޑޭޓެއް ގޮތުގައި ބައިވެރިވުމަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ސްކޫލުން އެ ގޮތަށް އަމަލު ކޮށްފައި ވަނީ މޮކް އެގްޒާމްގައި ނަތީޖާ ދަށް ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަ ދެކެވި އެ ފަރާތްތަކުން އެ ގޮތަށް އަމަލު ކުރުމަށް އެއްބަސްވާ ލިޔުމެއްގައި ސޮއި ކުރުމުން ކަމަށް ރުޝްދީ ވިދާޅުވި އެވެ.
އޯލެވެލް އިމްތިހާނުގައި ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުވުމަށް، ތިން އަހަރު ކިޔެވި ސްކޫލުގެ ނަމުގައި ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިނުވެވޭ މައްސަލަ ކުރިން ވެސް ވަނީ ބައެއް ބެލެނިވެރިން ފެންމަތިކޮށްފަ އެވެ.