21 Feb 2019, 09:38
ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިލްމު "ކަނޑު އިބިލީސް" އަތޮޅުތެރޭ ޕްރިމިއާކުރުމަށް ނިންމައިފި އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ޒިޔާ 'ސަން' އަށް ބުނީ ފިލްމު މިވަގުތު ރިލީޒްކުރަން ނިންމީ ފަސް އަތޮޅެއްގައި ކަމަށެވެ. އެއީ މ. ރ. ބ. ގދ. އަދި ފ. އަތޮޅެވެ.
މ. މުލަކުގައި ފިލްމު އަޅުވާއިރު ރ. އަތޮޅުގައި އަޅުވަނީ މަޑުއްވަރީ އަދި އަލިފުށީގަ އެވެ. ބ. އޭދަފުށި އަދި ތުޅާދޫގައި ފިލްމު އަޅުވަން ނިންމާފައިވާއިރު ގދ. ތިނަދޫ އަދި ފ. ބިލައްދޫގައި ވެސް ފިލްމު އަޅުވަން ވަނީ ނިންމައިފަ އެވެ.
"ކޮންމެ ރަށެއްގައި ވެސް ހުންނާނެ ފިލްމުގެ ޕޯސްޓަރުތައް. އޭގައި ހުންނާނެ ޓިކެޓް ހޯދަން ގުޅާނެ ނަންބަރު ޖަހާފައި،"
ޒިޔާ އިތުރަށް ބުނީ ފިލްމު އަޅުވަން އެހެން ރަށްތަކާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ލިބޭ ސަޕޯޓް ވެސް ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމަށް ރަނގަޅު ކޮމެންޓްސްތަކެއް ލިބުނުއިރު "ކަނޑު އިބިލީސް" އަކީ ކުޑަކުދިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.
އެ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރީ ކުޅުދުއްފުށީގަ އެވެ.
ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.
"ކަނޑު އިބިލީސް" އަކީ ޒިޔާއާއި މަޝްހޫރު ކޮޕީ އިއްސެގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ.
އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައި ވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާ އެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.