އައިޖީއެމްއެޗް ތެރޭގައި މިއަދު އިހުތިޖާޖު ކުރި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ތެރެއަށް ފުލުހުން ޕެޕާ ސުޕްރޭ ޖަހައިފައިވަނީ އެ ހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ފުލުހުން ބުނެފި އެވެ.

ޝަރީއަތް ނިމެންދެން މަފުށީ ޖަލު ބަންދުގައި ހުންނެވި ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައިޖީއެމްއެޗަށް ގެނައުމާއެކު، އެމަނިކުފާނަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ވަނީ އެ ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއަކް ސެންޓަރު ކުރިމަތީ ވަނީ އިހުތިޖާޖު ކޮށްފައެވެ. އެ އިހުތިޖާޖު ކޮންޓްރޯލްކޮށް އެ ފަރާތްތަށް އައިޖީއެމްއެޗް އިން ނެރުމަށް ފުލުހުން ވަނީ ޕެޕާ ސުޕްރޭ ވެސް ބޭނުން ކޮށްފައެވެ.

އައިޖީއެމްއެޗް ތެރޭ ފުލުހުން ޕެޕާ ސުޕްރޭ ޖެހުމާ އެކު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، މިރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމުގެ ގާނޫނުގައި އެއްވެ އުޅުމަށް މަނާތަނެއް ކަމަށެވެ.

އަދި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ހޮސްޕިޓަލްގެ "ކާޑިއޮލޮޖީ ސެންޓަރު"ގެ ތެރެއަށް ވަންނަ މަސައްކަތް ކުރި ކަމަށާއި ފުލުހުން ތަކުރާރުކޮށް އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގުމުންވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުމުން އެކަން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ޕެޕާ ސްޕްރޭ ބޭނުންކުރަން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.

"އެސަރަހައްދުގައި ހިނގުން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

"ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމާއި ބެހޭ ގާނޫނުގައިވެސް އެއްވުން މަނާ ތަނެއްކަމަށް ކަނޑައަޅާފައިވާ ތަންތަނަށް ވާތީ އެއްވެސް ފަރާތަކުން ހޮސްޕިޓަލް ތެރޭ އެއްވެ، ހަޅޭއްލަވާ ނުހެއްދުމަށް،" ފުލުހުން އިލްތިމާސް ކުރެއްވި އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހޮސްޕިޓަލް ފަދަ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމަކީ އެތަންތަނުގައި ތިބޭ ބަލި މީހުންނަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ދަތި އުނދަގޫވެ، ހިދުމަތް ދިނުމަށް ހުރަސް އެޅޭކަމެއް ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލެވިފައިވާ "ޔޫސް އޮފް ފޯސް ރިވީއު ކޮމެޓީ" އިން މިއަދުގެ ހާދިސާގައި ވެސް ފުލުހުން ބޭނުންކުރި ބާރާއި އެބާރު ބޭނުންކުރެވުނު ހާލަތު ދިރާސާކޮށް ބައްކލަވާނެ ކަމަށެވެ.

ޖަލު ބަންދުގައި ހުންނެވި ރައީސް ޔާމީން މިއަދު ހަވީރު 4:45 އެހާކަންހާއިރު، އައިޖީއެމްއެޗަށް ގެނެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝީޔާޒު "ސަން" އަށް ވަނީ ވިދާޅުވެފައެވެ.