20 Feb 2019, 20:42
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 24 ގަޑި އިރުގެ އޮބްޒަވޭޝަނަކަށް އައިޖީއެމްއެޗުގައި ބާއްވައިފިއެވެ.
ޝަރީއަތް ނިމެންދެން މާފުށީގައި ޖަލު ބަންދެއްގައި ހުންނެވި ރައީސް ޔާމީން މިއަދު ހަވީރު 4:45 އެހާކަންހާއިރު، އައިޖީއެމްއެޗަށް ގެނެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝީޔާޒު "ސަން" އަށް ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މީރޭ "ސަން" އަށް ވިދާޅުވީ، ޑޮކްޓަރުގެ ލަފާގެ މަތިން ރައީސް ޔަމީން 24 ގަނޑިިރުގެ އޮބްޒަވޭޝަން އަކަށް މިހާރު ބާއްވާފައިވާ ކަމަށެވެ.
އެނާ ވިދާޅުވީ، ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެވުނީ، ކަރަންޝަންސް ސާވިސްގެ އެދިވަޑައިގަތުމުގެ މަތިން ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އިތުރު ތަފްސީލެއް އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ނުދެއްވައެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ދައުވާ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެމަނިކުފާނު ޖަލު ބަންދެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.