މަފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޖީއެމްއެޗަށް ގެންގޮސްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ދައުވާ އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެމަނިކުފާނު ޖަލު ބަންދެއްގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

މިއަދު ހަވީރު 4:45 ހާއިރު ރައީސް ޔާމީން އައިޖީމްއެޗް އަށް ގެނެސްފައިވާ ކަން އެމަނިކުފާނުގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

ޝިޔާޒު ވިދާޅުވީ، ރައީސް ޔާމީން އައިޖީއެމް އެއްޗަށް ގެނެސްފައިވާ ސަބަބު އަދުި ސާފު ނުވާ ކަމަށާއި ނަމަވެސް އައިޖީއެމްއެޗް އަށް ގެނެސްފައިވަނީ އެމަނިކުފާނުގެ އެދިވަނޑައިގަތުމުގެ މަތިން ނޫން ކަމަށެވެ.

"މިއަދު ހަވީރު 4:15 ހާއިރު ރައީސް ޔާމީން ވަނީ އައިޖީއެމްއެޗަށް ގެނެވިފައި. އައިޖީއެމްއެޗް އަށް ގެނެވުނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކުން ނޫން،" ޝިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުމާއެކު ސަޕޯޓަރުން އައިޖީއެމްއެޗަށް އެއްވެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް ޔާމީން ނިސްބަތްވާ "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ވަގުތީ ކައުންސިލް މެމެބަރު އަހްމަދު ސިއްދީގު "ސަން" އަށް ވިދާޅުވީ، ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުނީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށާއި "ދައުލަތުން ބޭނުންވެގެން ގެނައި ގެނައުމެއް" ކަމަށެވެ.

"ރައީސް ޔާމީން ބޭނުނުންފުޅު ވެގެން ނޫން [ހޮސްޕިޓަލަށް] ގެނެވުނީ. ފުރަތަމަ ބުނަނީ މާލެ ގެންނަނީ ކަމަށް. ވަކި ހިސާބަކުން ބުނަނީ [ރައީސް ޔާމީން] ގެންނަނީ އައިޖީއެމްއެޗް އަށް ކަމަށް،" ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސިއްދީގް ވިދާޅުވިއެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުމާއެކު، ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން އައިޖީއެމްއެޗަށް އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ފުލުހުން ވަނީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއަކް ސެންޓަރުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސުޕްރޭ ޖަހަފައެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުމާއެކު ސަޕޯޓަރުން އައިޖީއެމްއެޗަށް އެއްވެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

މަނީ ލޯންޑަރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާގޮތުން މަނީ ލޯންޑާ ކުރުމުގެ އަދަބަކީ، އެއްލަކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރުމާއެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނަ އަށްވުރެ އިތުރު ނުވާ އަދަދަކުން ޖުރިމަނާ ކުރުމާއެކު، ފަސްއަހަރާ 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެއެވެ.