20 Feb 2019, 17:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އައިޖީއެމްއެޗަށް ގެންދިޔުމާ އެކު، އެ ހޮސްޕިޓަލްގެ ތެރެއަށް އެއްވެފައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއަށް ފުލުހުން ޕެޕާ ސުޕްރޭ ޖަހައިފި އެވެ.
ޝަރީއަތް ނިމެންދެން މާފުށީގައި ޖަލު ބަންދެއްގައި ހުންނެވި ރައީސް ޔާމީން މިއަދު ހަވީރު 4:45 އެހާކަންހާ އިރު، އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ނޫން ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝީޔާޒު "ސަން" އަށް ވަނީ ވިދާޅުވެފަ އެވެ.
އައިޖީއެމްއެޗްގެ ކާޑިއަކް ސެންޓަރު ކުރިމަތީ އެއްވެފައި ތިބި ރައީސް ޔާމީން އަށް ތާއީދު ކުރާ ފަރާތްތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ އެތާ ތިބި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މެމްބަރުންގެ ތެރެއަށް ޕެޕާ ސުޕްރޭ ޖަހައިފަ އެވެ.
— ???????? ???????????????????? (@mn__naadu)
ޕެޕާ ސްޕްރޭ ޖެހުމާ އެކު އޭރު އެތާ ތިބި ބައެއް ސަޕޯޓަރުންނަށް ވަނީ އަނިޔާވެފަ އެވެ. އެގޮތުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އެތަނަށް ވެއްޓިފަ އެވެ.
އަޖީއެމްއެޗްގައި އެވަގުތު ހަރަކާތްތެރިވި ނޫސްވެރިންނަށް ވަނީ އެ ސަރަހައްދުން ލޭގެ ތިކިތަކެއް ފެނިފަ އެވެ.

އައިޖީއެމްއެޗް ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ޕެޕަ ސްޕްރޭ ޖެހުމުން ހިތްހަމަޖެހިވަޑައިނުގެން ހޮސްޕިޓަލް ތެރޭގައި ހުންނަވައި ޕީޕީއެމްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް އެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި މަނީ ލޯންޑާ ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕީޖީ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
މަނީ ލޯންޑަރިން އާއި ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާ ގޮތުން މަނީ ލޯންޑާ ކުރުމުގެ އަދަބަކީ، އެއްލަކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރުމާ އެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ، ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖުރިމަނާ ކުރުމާ އެކު، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެ އެވެ.