ވޮޝިންގޓަން (އޮކްޓޯބަރ 10) : މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ގައި ނިމުނު އެމެރިކާގެ މާލީ އަހަރުގައި ފެޑްރަލް ބަޖެޓް ޑެފިސިޓް ކުރިއަށްވުރެ ތަންކޮޅެއް ކުޑަކުރެވިއްޖެ ކަމަށް އެޤައުމުގެ ފެޑްރަލް ބަޖެޓާބެހޭ އޮފީހުން ބުނެފިއެވެ.

ފެޑްރަލް ބަޖެޓާބެހޭ އޮފީހުންބުނީ މިދިޔަ މާލީ އަހަރުގައި ޤައުމީ ބަޖެޓަށްވުރެ 8.6ޕަސެންޓު އިތުރަށް ޚަރަދު ވިކަމަށާ ނަމަވެސް މިއީ 2009 ވަނަ އަހަރުގެ ޑެފިސިޓަށްވުރެ ކުޑަ ޑެފިސިޓެއް ކަމުގައެވެ. 2010 ގެ ބަޖެޓް ގައި ޑެފިސިޓްވި 8.6 ޕަސެންޓަކީ 1.3 ޓްރިލިޔަން ޑޮލަރެވެ.

2009 ވަނަ އަހަރުގެ އެމެރިކާގެ ބަޖެޓް ޑެފިސިޓަކީ އެއަހަރުގެ ޖުމްލަ ބަޖެޓްގެ 10 ޕަސެންޓެވެ. އެއީ 1.6 ޓްރިލިޔަން ޑޮލަރެވެ. ބަޖެޓާބެހޭ އޮފީހުން ބުނީ 2010 ގެ ބަޖެޓް ޑެފިސިޓް 1.6 ޓްރިލިޔަނުން 1.3 ޓްރިލިޔަނަށް ދަށްކުރެވުމަކީ ކާމިޔާބީ އެއް ކަމަށާއި ޑެފިސިޓް ކުޑަކުރެވުނީ ފާއިތުވި މާލީއަހަރުގައި ކުރެވުނު މަސައްކަތްތަކުގެ ބޮޑުކަމުން ކަމުގައެވެ.
ނަމަވެސް އެމެރިކާގައި ތިލަފަތްހަމަ ބަޖެޓަކާ ހަމައަށް ދިޔުމަށް އަހަރުތަކެއް ނަގާނެ ކަމަށް ފެޑްރަލް ބަޖެޓާބެހޭ އޮފީހުން ބުނެއެވެ. 2010 ގެ ބަޖެޓްގައިވަނީ އަފްޣާނިސްތާނާއި ޢިރާޤުގައި އެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގެ ޚަރަދުތައް ކޮންމެވެސް ވަރަކަށް ކުޑަކޮށްފައެވެ. -- އެސޯސިއޭޓެޑް ޕްރެސް