ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން، މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް ހުށަހަޅައިފި އެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު އިންޑިއާގެ ގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައި ވަނީ، އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ހ. ހުރަފަ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މިނިސްޓަރު މާރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވި ކަމަށާއި ނަމަވެސް މިއަދު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ، ކޮމެޓީގެ މުގައްރިރަކު މިހާތަނަށް ނެތްކަމުން މުގަރިރަކު ނެތި އެ މައްސަލަ ކޮމެޓީގައި އެޖެންޑާ ކުރެވެން ނެތުމުން ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ.

"ރާއްޖެ ކުޑަ ނަމަވެސް، ކިތަންމެ ނިކަމެތިވި ނަމަވެސް، ރާއްޖޭގައި ހަނގުރާމަވެރި ހަތިޔާރު ނެތް ނަމަވެސް، ގައުމު އަޅުވެތި ކުރެވިދާނެ ކަމަށް ނުވަަތަ ހިފިދާނެ ކަމަށް [މާރިޔާ ވިދާޅުވުމަކީ]، ހާއްސަކޮށް ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރާއޖޭގަައިވެސް އަދި ރައްޖެ އިން ބޭރުގައިވެސް އެގޮތަށް ވިދާޅުވުމަކީ، ދިވެހިންގެ އިސްތިގުލާލާ މިނިސްވަންކަމާއި، ދިވެހި ދައުލަތް ބަޔާން ކުރާ ގާނޫނު އަސާސީގެ ފުރަތަމަ ބާބާވެސް ހިލާފު ކަމެއް،" މާރިޔާގެ އިތުބާރު ނެތް ކަމުގެ ސަބަބު ހާމަ ކުރައްވާ ނިހާން ވިދާޅުވިއެވެ.

"އެހެންކަމުން މިކަން 14 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،"

ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނިހާން ވިދާޅުވީ، މަޖިލިސްގެ ރައީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ، ސިޔާސީ ފިކުރުތަކަށް ނުލެބި، ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު އެ މައްސަލަ އަވަހަށް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނިހާން ވިދާޅުވިއެވެ.

"މަޖިލީހާ މަޖިލީހުގެ ގޯތީގެ ސެކިއުރިޓީވެސް، މުޅި ތަނުގެ ސަލާމަތާ ރައްކާތެރިކަންވެސް، މެމްބަރުންގެ ސެކިއުރިޓީވެސް އަދި މިފަދަ ހުރިހާ ކަންތައްތަކެއް ވޭތުވެދިޔަ މާޒީގައި އަޅާ ނުކިޔޭވަރަށް ރަނގަޅު ކުރެވޭތޯ މިހާރުގެ [މަޖިލީހުގެ] ރައީސް އޮންރަބަލް ގާސިމް އިބްރާޙިމް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމަ ރައީސް ގާސިމް މިމަސައްކަތްޕުޅު [މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ] އަވަހަށް ކޮށްދެއްވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" ވަރަށް ބޮޑަށް ގާސިމްއަށް ތައުރީފު ކުރައްވާ ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް މީހުންގެ ފާޑުކިޔުން އެވާހަކަތަކަށް އަމާޒުވެ، މިނިސްޓަރު މާރިޔާ ދެއްކެވި ވަހާކަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ގައި ބުނެފައިވަނީ، މަރިޔާ އިންޑިއާ ނޫހަށް ދެއްވި އިންޓަވިއުގެ ޚަބަރު ފަތުރާފައި ވަނީ އާންމު ރައްޔިތުންނަށް މާނަ އޮޅޭގޮތަށް ކަމަށެވެ.

މަރިޔާގެ އިތުބާރުނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވެއްދި އިރު، ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު މީގެ ކުރިން ވިދާޅުވެފައިވަނީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ނަމަވެސް ފެއިލް ކޮށްލާނެ ކަމަށެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ރިޔާޒު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިތުބާރު ގެއްލޭ ފަދަ ކަމެއް މާރިޔާ ކުރައްވާފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެފަދަ މަައްސަލައެއް ހުށަހެޅި ނަމަވެސް ފެއިލް ކޮށްލާނެ ކަމަށެވެ.

މާރިޔާ އިންޑިއާ ނޫހަށް ދެއްވި އިންޓިއުގައި ވިދާޅުވެފައި ވަނީ، އިންޑިއާ އިން ރާއްޖެ ހިފުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި ދެ ގައުމުގެ ސިޔާސަތުތައް ވެސް ހުރީ އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި ކަމަށެވެ.

ނަމަވެސް އިންޑިއާ އިން ބޭނުންވެއްޖެ ނަމަ އެކަން އެ ގައުމަށް ކުރެވިދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އިންޑިއާ އިން ރާއްޖެ ހިފައިފި ނަމަ ކުރެވޭނެ ކަމެއް ނެތް ކަމަށާއި އެކަން ހުއްޓުވޭނެ ގޮތެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ އިންޑިއާ އިން ބޭނުން ނަމަ އެކަން ކުރެވިދާނެ [ރާއްޖެ ހިފިދާނެ]. އަދި އެގޮތަށް އެކަން ވެއްޖެ ނަމަ އަހަރެންނަކަށް ނެނގެ އެކަން ހުޓުވާނެ ގޮތެއް. ނަމަވެސް އިންޑިއާއިން [ރާއްޖެ ހިފުމުގެ]ވެސްނުމެއް ނެތް،" އިންޑިއާގެ އަސްކަރިއްޔާގެ ވަރުގަދަ ކަމަށް ވަރަށް ތައުރީފު ކުރައްވާ މާރިޔާ ވިދާޅުވިއެވެ.