މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް މި މަހު 23ގައި ފެށުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހްލާގާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓަކައި ދެގަޑި އިރުގެ ތަމްރީން ސެޝަންއެއްގައި ބައިވެރިވުމުން ހިލޭ ހެލްމެޓެއް ލިބޭނެ ކަމަށެވެ.

ޕްރޮގްރާމް ހިންގާނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުވުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައި ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ. އެގޮތުން މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ހައްދުންމަތީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށާއި އެ ސަރަހައްދުތަކުގައި ދިރި އުޅޭ ރައްޔިތުން ހިމެނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުން ކަމަށެވެ.

އަދި އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާފަރާތްތަކަށް އަންގާދިނުން ކަމަށެވެ. އަދި ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުން ކަމަށް ވެސް އެ އޮތޯރިޓީ އިން ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރުން އޮތޯރިޓީގެވެބްސައިޓްގައި މާދަމާ ހުޅުވާލާނެ އެވެ.