20 Feb 2019, 16:01
އިސްލާމް ދީނަށް ގޮން ޖަހަމުން އަންނަ ފިކުރުތަކަކީ ކޮބައިކަން ދެނެގަތުމަށް ދިރާސާ ކުރަމުން އަންނަ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފި އެވެ.
އެންސީޓީސީއަކީ އެމްއެންޑީއެފްގެ ދަށުން ހިންގަމުން އަންނަ ސެންޓަރެކެވެ. މިއަދު ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖެ ދެމި އޮންނާނީ ސަތޭކަ ޕަސެންޓް އިސްލާމީ މޮޑަރޭޓް ގައުމެއްގެ ގޮތުގައި ކަމަށެވެ. އެއީ ރާއްޖޭގެ ޕޮލިސީ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.
"މިކަން ކަން ހުއްޓުވުމަށް އަޅުގަނޑުމެން ގާނޫނުތައް އެބަހުރި ގަވައިދުތައް އެބަހުރި. އެންސީޓީސީގެ ފަރާތުން މިގެންދަނީ ސަރުކާރުގެ މުއައްސަސާތަކާއި އެންޖީއޯތަކާ ގުޅިގެން މި މަސައްކަތް ކުރަމުން." ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.
އިސްލާމްދީނާ ދެކޮޅު ވާހަކަ ދައްކާ މީހުންގެ މައްސަލަތަކެއް ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ބައެއް ފަރާތްތައް ފުލުހަށް ހާޒިރުކޮށް އަންނަނީ ސުވާލު ކުރަމުންނެވެ.