10 Oct 2011, 18:02
ކުރިއަށް އޮތް ހަތް ވަނަ ސާފު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފެށެން ދެ މަސް ދުވަހަށް ކުޑަތަން ވެފައި ވަނިކޮށް ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުންނަށް މޫސާ މަނިކު (ކުޑަމޫސަ) އާއި މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.
އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިންޑިޔާގެ ނިއުދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި އޮންނަ މި މުބާރާތުގައި ދިވެހި ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެފްއޭއެމްއިން ހަމަޖައްސާފައި ވަނީ ހަންގޭރީގެ އިސްޓަވާން އުރުބާނީއެވެ.
އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އަލީ އާޒިމް ވިދާޅުވީ، އުރުބާނީގެ އެސިސްޓެންޓް ކޯޗުންނަށް ކުޑަމޫސައާއި އިންމަ ހަމަޖެއްސީ އެ ދެކޯޗުންގެ ގިނަ ކަންތައްތަކެއް އެފްއޭއެމް އިން ބެލުމަށް ފަހު ކަމަށެވެ.
"އިންމަ ވަރަށް އެކްޓިވް ކޮށް މަސައްކަތް ކުރާނެ. އެކަން އަޅުގަނޑުމެންގެ ޓެކްނިކަލް ޑިޕާޓްމަންޓުން ވެސް ފާހަގަކުރޭ. އިންމަ އަކީ ނިމިގެންދިޔަ ދެ ސީޒަންގއި ވެސް ފުލްކޮށް މަސައްކަތް ކޮށްފައިވާ ކޯޗެއް. މެޗް ތެރޭ ހިގާކަންތައްތަކަށް އިންމަ ވަރަށް ބަލާނެ،" އެސިސްޓެންޓް ކޯޗަކަށް އިންމަ ހަމަޖެއްސުމަށް ފަހު އާޒިމް މިއަދުގެ ނިއުސްކޮންފަރެސްގައި ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އިންމަގެ އިތުރުން އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ކުޑަ މޫސައަކީ އެފްއޭއެމްގެ ހިންގާ ކޮމެޓީން ވެސް އަދި ޓެކްނިކަލް ކޮމެޓީން މަޝްވަރާ ކުރުމަށްފަހު އައްޔަން ކުރި ކޯޗެއް ކަމަށެވެ.
"ކޫޑަ މޫސައަކީ އަޅުގަނޑުމެންގެ އިމޭޖް. އަދި ކުރީގެ ނަމޫނާ ކުޅުންތެރިއެއް. އަހުލާގް ރަނގަޅު ކުޅުންތެރިއެއް. ދިގު މުއްދަތެއްގައި ކޯޗަކަށް ކުޑަ މޫސަ ނޫޅުނު ނަމަވެސް އޭނާއަކީ މޮޅު ކޯޗެއް،" އާޒިމް ވިދާޅުވިއެވެ.
މިހާރުގެ ޤައުމީ ކޯޗް އުރުބާނީގެ އެހީތެރިންނަށް ކުޑަމޫސަ އާއި އިންމަ ހަމަޖެއްސުމަށް ފަހު، ކްރުސިއާނީގެ އެހީތެރިއަކަށް ހުރި މުހައްމަދު އާތިފް (އާތި) ވަނީ މަގާމުން ދުރުކޮށްފައެވެ.