20 Feb 2019, 15:18
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ބޮޑީގާޑު އިބްރާހިމް ސިމާދުއަށް އެމްއެންޑީއެފްގެ ވަޒީފާ ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު، އަލުން ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އިއުލާނު ކުރި ކުއްލި ހާލަތުގެ ދަށުން، ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިމާދު ހިމެނެ އެވެ. ފަހުން އޭނާގެ މަގާމު ދަށްކޮށް އެމްއެންޑީއެފްގެ ވަޒީފާ އިން ވަކިކުރީ އެވެ. އޭނާ އޭރު ހުރީ ސްޓާފް ސާޖަންޓެއްގެ މަގާމުގައެވެ.
ސިމާދުގެ ވަޒީފާ އަލުން ދިނުމަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ، އޭނާ ވަޒީފާ އަލުން ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި އޭނާއަށް މުސާރައާއި އެލަވަންސްތަކާއި އިނާޔަތުގެ ގޮތުގައ ލިބެން ޖެހޭ 212،210.36 ރުފިޔާ ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ. އަދި އޭނާ ވަޒީފާ އިން ވަކިކޮށްފައި ހުރި މުއްދަތުގެ ތެރޭގައި މަގާމުގެ ކުރިއެރުން ދޭން ޖެހޭ ކަމަށް ފެންނަ ނަމަ މަގާމުގެ ކުރިއެރުން ވެސް ދިނުމަށެވެ.
އެ މައްސަލާގައި ދައުލަތުން ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ސިމާދު ވަޒީފާ އިން ވަކިކޮށްފައި ވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ފުރިހަމަނުކޮށް ކަމަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
ސިމާދު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީ ގާޑެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.