ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރާ އުސޫލު އެކުލަވާލުމަށްފަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ބްރޮޑަކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

އެ އުސޫލު އެކުލަވާލާފައިވަނީ، ކޮމިޝަނުގެ ފަރާތުން ބްރޯޑްކާސްޓަރުންގެ ޚިޔާލު ހޯދުމަށް އެ ފަރާތްތަކާ އެކު ބައްދަލުކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޚިޔާލުހޯދުމަށް ފަހު ފުރަތަމަ ތައްޔާރުކުރި ދެލިކޮޕީއަށް ބައެއް އިސްލާހުތައް ގެނައުމަށްފަހު ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އިންތިޚާބެއްގެ ދުވަސްވަރު، އެ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން؛ އެ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ބްރޯޑްކޮމް އިން ކަނޑައަޅަން ޖެހެއެވެ.

އެ ހަމަތަކާ ޚިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުޞޫލެއް އެކުލަވާލައި އާންމުކުރުމަށް ވެސް އެ ގާނޫނުގެ ދަށުން ބްރޯޑްކޮމްގެ މައްޗަށް ލާޒިމް ކުރެ އެވެ.

އެ އުސޫލަށް އަމަލުކުރަންފެށުމާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުން ވަގުތު ޚާއްޞަކުރަންވާނީ އެ އުސޫލާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.