20 Feb 2019, 14:05
ދިވެހި މަސްވެރިން، މަސްވެރިކަން ކުރާއިރު ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)އިން ބޭރުވެ މަސްވެރިކަން ކުރުން މިހާރަކަށް އައިސް އާންމުވެފައިވާ ކަމަށާއި އެކަން ނުކުރުމަށް އެމްއެންޑީއެފްގެ ކޮމާންޑާ ކޯސްޓްގާޑް ބްރިގޭޑީއާ ޖެނެރަލް އަލީ ޒުހައިރު އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖޭން ބޭރުން އިންޑިއާގެ ސަރަހައްދަކުން ދިވެހިން މަސް ދޯންޏެއް މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް މިދިއަ ހަފްތާގައި އިންޑިއާގެ ސިފައިން ވަނީ އަތުލައިގެންފައެވެ. އަދި މިހާރު އެމީހުން ވަނީ ރާއްޖެ ފޮނުވާލާފައެވެ.
މިއަދު ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއާ ޖެނެރަލް އަލީ ޒާހިރު ވިދާޅުވީ ދޯނިތަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުން މަސްވެރިކަން ކުރުމަކީ އާންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ބައެއް ޑިވައިސްތަކަށް އެ މައުލޫމާތު ލިބުމުން. އަޅުގަނޑުމެން ބައެއް ފަހަރު ހުންނާނެ ދޯނިތަކަށް އަޅުގަނޑުމެން ސެޓެލައިޓް ފޯނު މެދުވެރިކޮށް އަންގާފައި މިހާރު މަސްވެރިކަން ތިކުރަނީ މި ސަރަހައްދުގައޭ މި ސަރަހައްދުން ބޭރަށް ނުކުންނާށޭ،" ކޮމާންޑާ ކޯސްޓްގާޑް ބްރިގޭޑީއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ އިންޑިއާގެ އިގްތިސާދީ ސަރަހައްދަށް މަސްވެރިކަން ކުރަން ވަނުމުން ބައެއް ފަހަރު ދިވެހިންވުމުން ފިޔަވަޅެއް ނާޅައި ފޮނުވާލާފައި ހުރި ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ހިތާމަވެރި ކަމެކޭ. އަޅުގަނޑުމެންގެ މަސްވެރިން އެބަޖެހެއޭ އަޅުގަނޑުމެންގެ ސަރަހައްދުން މަސްވެރިކަން ކުރަން. މިޒަމާނުގައި މަސްވެރިން އަތުގައި އެބަހުރި ހުރިހާ ޓެކްނޮލޮޖީ ޖީޕީއެސް އެބަހުރި ރާޑަރު ޗާޓު އެބަހުރި އެހެންވީމަ އެނގިލައްވާނެ އެހެން ސަރަހައްދަކަށް ގޮސް މަވެރިކަން ކުރާއިރު އެއީ ކޮން ސަރަހައްދެއްކަން،" ކޮމާންޑާ ކޯސްޓްގާޑް ބްރިގޭޑީއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވި އެވެ.
މޭޖާ އަހުމަދު މުޖުތަބާ --- ސަންފޮޓޯ/ ފަޔާޒު މޫސާ
އެމްއެމްޑީއެފުން ބުނާ ގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އުތުރުން 200 މޭލެއް ރާއްޖެއަށް ލިބިފައެއް ނޯންނާނެ އެވެ. 1976 ވަނަ އަހަރުން ފެށިގެން އިންޑިއާ ސްރީލަންކާ ރާއްޖެ ގުޅިގެން އިން ވަކިކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"އޮޅިވަޑައިގެންފައި އޮވެއްޖެއްޔާ އުތުރަށް މަސްވެރިކަން ކުރަން ވަޑައިގެންނެވި ކަމަށްވިޔަސް އުތުރަކުންނުލިބޭނެ 200 މޭލެއް. 200 މޭލަށް ދާ ކަމަށް ވަންޏާ އޮންނާނީ މަލިކަށްވުރެ ބޭރަށް ގޮސްފައި. އުތުރަށް މި ލިބެނީ ތުރާކުނުން ފެށިގެން 37 ވަރަކަށް މޭލު. ދެން ހަމަ އެގޮތަށް 200 މޭލު ނުލިބޭނެ އިރު އުތުރަކަށްވެސް." މޭޖާ އަހުމަދު މުޖުތަބާ ވިދާޅުވި އެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުތަކަށް އެހެން ބޭރުގެ ގައުމުތަކުން ވަނީމަ ހިފަހައްޓާ އުސޫލުން އެހެން ގައުމުތަކުންވެސް އެކަން ކުރާނެކަން ދަންނަން ޖެހޭ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
ސަރަހައްދުން ބޭރުވިޔަސް އަދަބެއް ނެތް
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޭރުން މަސްވެރިކަން ކުރާ ދިވެހި މަސްވެރިން ގިނަވެފައި އެކަން އާންމު ވިޔަސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ކޮމާންޑާ ކޯސްޓްގާޑް ބްރިގޭޑީއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވި އެވެ.
ނޫސްވެރިން އެކަމާ ގުޅިގެން ސުވާލު ކުރުމުން ޒުހައިރު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ބެހޭގޮތުން މަސްވެރިންނަށް މައުލޫމާތު ދެމުން އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ކަމަށެވެ.
ކޯސްޓްގާޑް ބިލްޑިންގްގައި މިއަދު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަންފޮޓޯ/ ފަޔާޒު މޫސާ
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދަށް ވަންނަ ހިސާބުން އެ މުގުރިގެން ދަނީ އެހެން ގައުމެއްގެ ގާނޫނެއް ކަމަށެވެ. އެހެންވީމަ އެ ސަރަހައްދުން އެތެރެވުމުން ފިޔަވަޅު އަޅާނީ އެގައުމުން ކަމަށް ޝަމާލް ވިދާޅުވިއެވެ.
"މިކަމުގައި އަޅުގަނޑަށް މި ގަބޫލުކުރެވެނީ ކަނޑައެޅިގެން ކުށެއް ކުރަން ނޫނީ މިކަހަލަ ކަމެއް ނޫން ކަންނޭނގެ މިއުޅެނީ. މި ދިމާވާގޮތަކީ ހަމަ މަސްވެރިކަން ރާއްޖޭގެ ސަރަހައްދަށްވުރެ އެހެން ދިމާލެއްގައި ރަނގަޅުވީމަ އެ ދިމާލަކަށް މިދަނީ." ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ އެކަހަލަ ކަންކަމާއި އެމްއެންޑީއެފުން ފިޔަވަޅު ނޭޅެނީ އެއީ ދިފާއީ ބާރުގެ މެންޑޭޓުން ބޭރު ކަމަކަށް ވާތީ ކަމަށެވެ.
ރާއްޖޭގެ މަސްވެރިން ބޭރުގެ ގައުމެއްގައި ހިފެހެއްޓިޔަސް އެ ދިވެހިން ރާއްޖެ ގަނައުމާއި ބޭރު ގައުމުތަކާއި ކުރަން ޖެހޭ ހުރިހާ މުއާމަލާތެއް ކުރަނީ އެމްއެންޑީއެފްއިންނެވެ.