20 Feb 2019, 12:54
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކާ އެމްއެންޑީއެފްގެ މޭޖާ އިބްރާހިމް ނަވީން ޒުބައިރުގެ މައްޗަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
މޭޖާ އިބްރާހިމް ނަވީންގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން އެއް ލައްކަ ޑޮލަރު ޖަމާވި ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކަ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ ސަރުކާރުން އެ މައްސަލާގައި ފިޔަވަޅު އަޅަމުންދާ އުސޫލުތަކުގެ ދަށުން ނަވީންއާ މެދު ވެސް ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.
"މިވަގުތު އެބޭފުޅާ ހުންނެވީ ރާއްޖޭން ބޭރުގައި. އެހެންވީމާ އެކަމާ ގުޅިގެން އަދި އެއްވެސް ސުވާލެއް ނުކުރަން. މާލެ ވަޑައިގަތީމަ އެކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން." ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އެސްއޯއެފް އެކައުންޓުން ޖަމާވި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޔަވަޅު އަޅުއްވާފަ އެވެ. އެގޮތުން މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ވަނީ އަންގަވައިފަ އެވެ.