ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި ފޭކް ފޭސްބުކް އެކައުންޓުތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެއެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަން ސްޓްރެޓެޖިސްތު އަދި ރައީސް ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ނަމުގައި ހިންގާ އެކައުންޓުތަކަކީ ރައީސް ސޯލިހާ އެއްވެސް ގުޅުމެއް ނެތް އެކައުންޓުތަކެއްކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ރައީސް އެދިލެއްވި ކަމަށެވެ.

ރައީސްގެ ފޭސްބުކް އެކައުންޓަކީhttps://www.facebook.com/ibrahim.m.solihކަމަށާއި އިތުރު ފޭސްބުކް އެކައުންޓެއް ރައީސް ނުގެންގުޅުއްވާ ކަމަށް ދަންނަވަން ރައީސް އެދިލެއްވި ކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ފޭސްބުކްގައި ރައީސް ސޯލިހުގެ ނަމުގައި ހިންގާ ބައެއް ފޭސްބުކް ޕޭޖުތަކުން ރައީސްގެ ނަންފުޅުގައި ކަމަށް ދޭހަވާގޮތަށް ތަފާތު ވާހަކަތައް ދަނީ ދައްކަމުންނެވެ. ރައީސް ސޯލިހަކީ ޓްވިޓާ މެދުވެރިކުރައްވާ ރައްޔިތުންނަށް މެސެޖު ރައްދުކުރައްވާ ބޭފުޅަކަށް ވާއިރު، ސޯޝަލް މީޑިއާގައި ތަފާތު ނަންނަމުގައި ހިންގާ ޕޭޖުތަކާ ރައީސްއާ ގުޅުމެއް ނެތްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.