21 Feb 2019, 13:22
ސިޔާސީ ދާއިރާގެ އެންމެ ގިނަ ލޯތަކެއް އަމާޒުވާ އެކަކީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއެވެ. ކުޑަ ހަ ކުދިން ތަރުބިއްޔަތު ކުރައްވަމުން ގެންދެވި ނަހުލާ މިދިޔަ އަހަރުގެ ތެރޭގައި ސިޔާސީ މައިދާނަށް ފައި ނެނެގެވުމާއެކު އަރާވަޑައިގަތީ ސީދާ ބޮންތިއަށެވެ. ފެށުނީއްސުރެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ސަން އޮންލައިނުން އަލަށް ފަށާ "50 މިނިޓު" ޕްރޮގްރާމުގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ނަހުލާ އާންމުންނަށް ސިޔާސީ ދާއިރާއިން އެންމެ ފުރަތަމަ ފެނުނީ ޖުމްހޫރީ ޕާޓީގެ ބައްދަލުވުމަކުންނެވެ. އެއާއެކު އޭނާ އެ ޕާޓީގެ ކައުންސިލު މެމްބަރެއްގެ ގޮތުގައި އިންތިހާބުކުރެވުމެވެ.
ނަހުލާ ވިދާޅުވީ އޭނާ ސިޔާސީ ދައިރާއަށް ފައި ނެންގެވީ އޭނާގެ ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ދޮންދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލަށް ލުމުންނެވެ.
"ގާސިމްއާއި ސިޔާދު ނުހައްގުން ޖަލަށްލީމާ އެކަން ގަބޫލު ނުކުރެވޭތީ ސިޔާސީ މައިދާނަން ނިކުތީ. ސިޔާދުއަކީ އަޅުގަނޑުގެ ދޮށީ ފިރިހެން ދަރިއެއް ފަދަ ކުއްޖެއް. އަޅުގަނޑުގެ ހަ ކުދިންގެ ދޮންބެ އެއީ. ގާސިމް ނެތްތަނެއްގައި އަޅުގަނޑުގެ ކުދިންނަށް ބަލައިލާނެ މީހަކަށް ހުރި އެކުދިންގެ ދޮންބެ ހައްޔަރު ކުރީމާ އަދި އެތައް ސިޔާސީ ފަރާތްތަކެއް ނުހައްގުން ޖަލަށް ލީމާ އަޅުގަނޑު ހިތައް އެރީ [އެކަމާ ދެކޮޅަށް މަސައްކަތް ކުރަން]،"
ނަހުލާގެ ޒާތީ ދިރިއުޅުމަށް ނިސްބަތްކޮށް އޭރުއްސުރެ ގިނަ ބަޔަކު ދިޔައީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކެބިނެޓުގެ މަގާމެއް ލިބިވަޑައިގަތް ހިސާބުންނެވެ.
ގައުމުގައި ހުރި އެންމެ މުއްސަނދި އެކަކާ ކައިވެނި ބައްލަވައިގަތުމަކީ އޭގެ ތެރެއިން އެންމެ ގިނައިން ދައްކާ ވާހަކައެވެ.
ނަހުލާ ވިދާޅުވިގޮތުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމާ ކައިވެނި ބައްލަވައިގަތީ މައިންބަފައިން (ވަކިން ޚާއްސަކޮށް މަންމަ)ގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް އެއްވެސް އިރެއްގައި މުއްސަންޖަކާ ކައިވެނިކޮށް، މުއްސަނދި ދިރިއުޅުމެއް ދިރިއުޅުމުގެ ހިޔާލު ނުކުރައްވާ ކަމަށެވެ.
"އެ ކައިވެންޏަކީ ލަވް މެރިޖެކޭ އަޅުގަނޑު ނުދަންނަވާނަން. އެކަމަކު އެރޭންޖެކޭ ވެސް ނުބުނެވޭނެ. މިއީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ ހުރިހާ ބޭފުޅުންގެ އެދުމުގެ މަތިން [ކުރި ކައިވެންޏެއް]. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީ އަޅުގަނޑު މަންމަ ދެކެ ލޯބިވާ މީހެއް. މަންމައަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާނެ މީހެއް. އެހެންވީމާ އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ ހުރިހާ އެންމެންގެ އެދުމުގެ މަތިން ކުރެވުނު ކައިވެންޏެއް މިއީ،"
އެހެން ނަމަވެސް ނަހުލާ ވިދާޅުވީ ދިރިއުޅުއްވުން "ސްމޫތު" ނޫންކަމަށެވެ.
"އަޅުގަނޑުމެން ދެމީހުންނަކީ ދެ އިންސާނުން. ހިޔާލު ތަފާތުވުންތަކެއް ހުންނާނެ،" ފިރިކަލުން ގާސިމްއަށްވުރެ އުމުރުން 32 އަހަރު ހަގު ނަހުލާ ވިދާޅުވިއެވެ.
އެކަމަކުވެސް ހިޔާލު ތަފާތުވުންތަކާއެކުވެސް މައްސަލަތައް ހައްލުކުރެވޭކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާއާއި ގާސިމްގެ ކައިވެނީގެ ރަނާ ބެހޭގޮތުން ގިނަ ވާހަކަތަކެއް އިވެއެވެ. އިވޭ ގޮތުގައި ނަހުލާ ރަން ކިޔުއްވީ ކުޅުދުއްފުށީ ބަހާދަރު ބޯޓަށެވެ. ނަމަވެސް އެކަންވެސް ނަހުލާ، "50 މިނިޓު"ގައި ސާފުކޮށްދެއްވިއެވެ.
"ރަނަކީ އަންހެނަކު ބޭނުން ވަރަކަށް، ނޫނީ އޭނާ ބޭނުން އެއްޗަކަށް ކީދާނެ އެއްޗެއް. އެކަމަކު އަޅުގަނޑު ރަން ކީ ކޮންމެ މީހަކަށްވެސް ދެވިދާނެ އެއްޗަކަށް. އެއީ 7،777.77 ރުފިޔާއަށް،" ބަހާދަރު ބޯޓުގެ ވާހަކައަކީ ހަގީގަތެއް ނޫންކަން ނަހުލާ ކިޔައިދެއްވިއެވެ.
"މިހާރުވެސް ބައްލަވަން ބޭނުންނަމަ ބެލޭނެ ނޫންތޯ؟ ކޯޓުގައި އޮންނާނެ ދެއްތޯ ރެކޯޑްސް،"
ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ މީގެ ކުރިން އާންމުންގެ ތެރޭގައި މަޝްހޫރުވީ ގާސިމް އިބްރާހީމުގެ "ހަގު އަނބި އާއިޝާ"ގެ ގޮތުގައެވެ. އާއިޝަތު ނަހުލާ ވިދާޅުވި ގޮތުގައި ގާސިމްގެ އެހެން އަނބިއަނބިކަނބަލުންނަކީ ވަރަށް ހެޔޮ، ވަރަށް ސަޕޯޓިވް ބައެއް ކަމަށެވެ. އަދި އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތް ކަމަށެވެ.
"ގާސިމްގެ ކުދިންގެ މެދުގައި ވެސް ވަރަށް ގުޅުން ބަދަހިވާނެ. އެއްބައިވަންތަކަން އޮވޭ. އަނބިއަނބިކަނބަލުންގެ ތެރެއިން ދޮއްޓަށް ތިއްބަވާ ބޭކަނބަލުން ވެސް އަޅުގަނޑާ ވަރަށް ގުޅޭ،"
އަދި އޭގެ އިތުރުން ނަހުލާ، ފިރިކަލުން ގާސިމްއަށްވެސް ތައުރީފު ބަންޑުންކޮށްލެއްވިއެވެ.
"އެނޫން އެއްވެސް އެހެން ފަރާތެއް ނުހުންނާނެއޭ އަޅުގަނޑު އެމީހަކަށްޓަކައި ބަލާނެ، އަޅުގަނޑުގެ ހިތުގައި އިހުތިރާމު ދެވޭނެ،"