މާލޭގައި ރޭ އަންހެނެއް ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ވުމުން މަޑުނުކޮށް ފިލި ޒުވާނެއްގެ ހޯދައި އޭނާ ދުއްވި ސައިކަލު ފުލުހުން ޓޯ ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 21:50 އެހާކަންހާއިރު އަމީނީމަގު އެވިޑް ކޮލެޖް ކައިރީގައި ކަމަށެވެ.

އެ ސަރަހައްދުން ހިނގާފައި ދިޔަ އުމުރުން 54 އަހަރުގެ އަންހެނެއްގެ ގައިގާ ޖެހިފައި ވަނީ 18 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލަކުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި ސައިކަލުން ޖެހި އެކްސިޑެންޓް ވުމުން ވެސް އެ ޒުވާނާ މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގައި އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

"އަންހެންމީހާގެ ވާއަތުގެ ދެ ތަނަކުން މަށައިގެން ގޮސް އަރިކައްޓަށާއި އުނަގަނޑަށް ތަދުވާކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.

އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި 18 އަހަރުގެ ޒުވާނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ މަސައްކަތުން އެ މީހާ ހޯދައި އޭނާ ދުއްވި ސައިކަލު ވަނީ ޓޯ ކޮށްފަ އެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ވެސް މާލޭގައި ވަނީ އަންހެނެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު މަޑު ނުކޮށް ފިލައިފަ އެވެ. އެ އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު ކާރު ދުއްވި މީހާ މިހާރު ވަނީ ހޯދިފަ އެވެ. އަދި އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.