ޖަންމޫ ކަޝްމީރުގެ ޖަމާއަތެއް ކަމަށްވާ ޖައިޝު މުހައްމަދު އިން ދިން ޙަމަލާ އެއްގައި އިންޑިއާގެ ޕެރަ މިލިޓްރީ ސިފައިންގެ 44 މީހުން މަރުވި މައްސަލަ އާއި ގުޅިގެން، ޕްރޮޑިއުސަރު ދިނޭޝް ވިޖާންގެ ކުރިއަށް ހުރި އެއްވެސް ފިލްމެއް ޕާކިސްތާނުގައި ރިލީޒް ނުކުރަން އޭނާ ނިންމައިފި އެވެ.

ދިނޭޝް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕާކިސްތާނުގެ ޑިސްޓްރިބިއުޓަރުންނާ އެކު އޭނާގެ ޕްރޮޑަކްޝަން ހައުސް އިން ހަދައިފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި އޭނާގެ މެޑޮކް ފިލްމްސްގެ ދަށުން ޕްރޮޑިއުސް ކުރާ އެއްވެސް ފިލްމެއް ދެން ޕާކިސްތާނުގައި ރިލީޒް ނުކުރާނެ ކަމަށެވެ.

މި އަހަރު ދިނޭޝްގެ ތިން ފިލްމެއް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މާޗު ފުރަތަމަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ 'ލުކާ ޗުޕީ'، މެއި ތިން ވަނަ ދުވަހު ރިލީޒް ކުރާ 'އަރްޖުން ޕަޓިއާލާ' އަދި 'މޭޑް އިން ޗައިނާ' އެވެ. 'މޭޑް އިން ޗައިނާ' ރިލީޒް ކުރާ ތާރީޚު އަދި ހަމަޖައްސައިފައެއް ނުވެ އެވެ.

ދިނޭޝްގެ ފިލްމުތަކުގެ އިތުރުން އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު 'ޓޯޓަލް ދަމާލް' ވެސް ޕާކިސްތާނުގައި ރިލީޒް ނުކުރުމަށް ފިލްމުގެ ޓީމުން ވަނީ ނިންމައިފަ އެވެ.

ފިލްމު އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން އެމީހުންގެ ފިލްމުތައް ޕާކިސްތާނުގައި ނުދެއްކުމަށް ނިންމަމުން އަންނަނީ އިންޑިއާގެ ސަރުކާރާއި އަސްކަރިއްޔާ އާ އެކު ވާކަން ސާބިތުކޮށްދިނުމަށެވެ.