19 Feb 2019, 22:26
ބ. މާޅޮހު ކައުންސިލް މެންބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ތަރައްގީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސްއާ ވަނީ ހިއްސާ ކޮއްފައެވެ.
އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން ކައުންސިލުން ވަނީ ރައީސްއަށް ވަނީ ހުށަޙަޅުއްވައިފައެވެ. އެގޮތުން، ރަށުގެ ނަރުދަމާގެ މަޝްރޫއު އަވަހަށް ފައްޓަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
އަދި ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެއިތުރުން ސުކޫލަށާއި ސިއްހީ މަރުކަޒަށް ދަތިވާ ބައެއް ކަންތައްތަކާއި ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެއިތުރުން ސަރުކާރުން ރާއްވަވާފައިވާ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.