ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގައުމުގެ ކަންކަން ނުހިންގޭ ކަމަށާއި އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޕީއެންސީ އަދި ޕީޕީއެމުން ބުނެފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް އަދި މަޖިލީޙުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވައި ގައުމުގެ ހިންގުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ހަވާލުކުރައްވަން ޖެހޭ ކަމަށެވެ.

އަދި ޕީޕީއެމް ޕީއެންސީގެ ބައިވެރިވުމާއެކު "ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލަން ޖެހޭ" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ. މިވަގުތަކީ މިއީ ގައުމަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ބޭނުންވާ ވަގުތެކޭ. މިހާރު އެންމެ ރަނގަޅުވާނީ އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމާ އިސްތިއުފާ ދެއްވާފައި ގާސިމް އިބްރާހިމާ ވެރިކަން ހަވާލު ކުރެއްވުން." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިސްތިއުފާ ދެއްވަން ޖެހެނީ ކޯޓަކުން ފަނޑިޔާރަކު ޔާމީން ހައްޔަރު ކުރަން ކުރި އަމުރާ ގުޅިގެންތީ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހޭ ސަބަބަކީ އެއީ ނޫން ކަމަށެވެ.

އިސްތިއުފާ ދެއްވަން ޖެހޭ ސަބަބުތަކެއް ގޮތުގައި އަބްދުއްރަހީމް ފާހަގަ ކުރެއްވީ ރާއްޖޭގައި ހިނގަމުންދާ ކުއްލި މަރުތަކާއި ދީނާ ދެކޮޅަށް މީހުން ދައްކަމުންދާ ވާހަކަތަކެވެ.

"މިގައުމުގައި ކަނޑައެޅިގެން ފާޅުގައި މިސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންނާއި މިސަރުކާރު ގެންނަވަން މަސައްކަތް ކުރެއްވި ބޭފުޅުންނާއި މިސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން އިސްލާމް ދީނަށް ގޮން ޖައްސަވައި ކީރިތި ރަސޫލާއާއި، ރަސޫލާގެ އަނބިއަނބިކަނބަލުންނާއި އަސްހާބުންނަށް ފުރައްސާރަކުރާ ހިސާބަށް ދިޔައިމަ އިސްތިއުފާ ދެއްވަން ޖެހޭނެ ވެރިކަމުގައި ހުންނަ ބޭފުޅަކު." އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ކޯޓުން ކުރި އަމުރަކާ އެކު އިއްޔެގެ ވަގުތެއްގަ އެވެ. އެކަމާ ގުޅިގެން މާދަމާރޭ ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރަން ޕީޕީއެމުން އަންނަނީ ތައްޔާރުވަމުންނެވެ.